26 Aug 2017, 12:41
ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ޔިންގްލަކް ޝިނަވަޓްރާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް ކުރުން ތާވަލުކޮށްފައި ވަނިކޮށް ފިލައިގެން ގައުމުން ބޭރަށް ވަޑައިގެންފި އެވެ.
އުމުރުން 50 އަހަރުގެ ޔިންގްލަކްގެ މައްޗަށް އުފުލާފައިވާ ޖިނާއީ ދައުވާގެ އަޑުއެހުމެއް އިއްޔެ ތައިލެންޑް ސުޕްރީމް ކޯޓުގައި ތާވަލު ކުރި އެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިވެފައެއް ނުވެ އެވެ.
ގިނަ ނޫސްތަކުގައި ބުނެފައި ވަނީ ޔިންގްލަކް ގައުމުން ފިއްލަވައިގެން ގޮސްފައި ވަނީ އެއްގަމު މަގުން ކެމްބޯޑިއާ އަށް ވަޑައިގެން، އެ ގައުމުން ސިންގަޕޫރަށް އަދި ސިންގަޕޫރުން ދުބާއީއަށް ކަމަށެވެ. ގިނަ ފަރާތްތަކުން ތުހުމަތު ކުރަނީ ޔިންގްލަކް ގައުމުން ފިއްލަވައިގެން ވަޑައިގެންފައި ވަނީ ކޯޓު މައްސަލަ ތާވަލު ކުރުމުގެ ދެ ދުވަސް ކުރިން ކަމަށެވެ.
އޭނާ ގައުމުން ފިއްލަވައިގެން ވަޑައިގަތުން އެއީ އާއިލާއަށް ވެސް ލިބުނު ޝޮކެއް ކަމަށް އާއިލާއާ ހަވާލީދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ފިއްލަވައިގެން ވަޑައިގަންކަން ނޭނގޭތީ އޭނާގެ ދައްތަ އަދި ބޭބެ ވެސް ކޯޓު ކައިރީ ސަޕޯޓަރުންނާ އެކު އިންތިޒާރުގައި ތިބި ކަމާށްވެ އެވެ.
ސިޔާސީ ފަރާތްތަކުން ތުހުމަތު ކުރާ ގޮތުން ޔިންގްލަކް ފިއްލަވައިގެން ވަޑައިގެންފައި ވަނީ ޑީލްއެއްގެ ދަށުންނެވެ. ސަބަބެއް ކަމަށް ބުނަނީ ތައިލެންޑްގެ ސެކިއުރިޓީން ގާތުން އޭނާގެ ހަރަކާތްތައް ބަލަމުން ދަނިކޮށް އެނޫން ގޮތަކަށް ނުފިލޭނެތީ ކަމަށެވެ.
ޔިންގްލަކްގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމުމަށް މާދަމާގެ ވަގުތަކަށް ސުޕްރީމް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.