26 Aug 2017, 12:23
ފުލުހުންނަށް ހުށަހަޅާފައިވާ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ ތެރެއިން ތަހުގީގު ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި މިއަދު ނައްތާލައިފި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ތަކެތި ނައްތާލާފައި ވަނީ މަސްތުވާތަކެތި ނައްތާލުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ ކޮމިޓީގެ ހާޒިރުގައި ދޫނިދޫގައި ކަމަށެވެ.
މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 2003، 2004 އަދި 2005 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ ޖުމްލަ 201 މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ 2003 ވަނަ އަހަރުގެ ފަސް މައްސަލައަކާއި 2004 ވަނަ އަހަރުގެ 86 މައްސަލައެއްގެ އިތުރުން 2005 ވަނަ އަހަރުގެ 110 މައްސަލައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތި ހުރި 1234 ރަބަރު ޕެކެޓާއި 49 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި ތިން ދަޅާއި ބްލެޓް ސައިޒުގެ 171 ރަބަރު ޕެކެޓުގެ އިތުރުން އެހެނިހެން 3052 ތަކެތި ނައްތާލާފައިވާ އިރު އޭގެ ތެރޭގައި 1673 ގްރާމްގެ ހެރޮއިން އާއި 138 ގްރާމް ކެނެބިސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.