26 Aug 2017, 09:42
މައްކަތުލްމުކައްރަމާ (އޮގަސްޓް 26) : މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި މިހާތަނަށް 1.4 މިލިޔަނަކަށް ވުރެ ގިނަ މީހުން މައްކާގެ މުގައްދަސް ބިންތަކަށް އައިސްފައިވާ ކަމަށާއި ހައްޖުގެ އަޅުކަމަށް ވާން ޖެހޭ ތައްޔާރީތައް ނިމިފައިވާ ކަމަށް ސައޫދީ އަރަބިޔާ އިން ބުނެފި އެވެ.
ސައޫދީ ރަސްމީ ނޫސްއެޖެންސީ އާ ހަވާލާދީ އެ ގައުމުގެ މީޑިއާ ބުނާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.4 މިލިޔަނަކަށް ވުރެ ގިނަ ހައްޖުވެރިން ސައޫދީ އަށް ގޮސްފައިވާއިރު މީގެ ތެރެއިން އެންމެ ގިނަމީހުން ގޮސްފައި ވަނީ ވައިގެ މަގުންނެވެ. ސައޫދީ ސަރުކާރު ބުނާ ގޮތުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި ދުނިޔޭގެ ކަންކޮޅުތަކުން އެގައުމަށް ދެ މިލިޔަނަށް ވުރެ ގިނަ މުސްލިމުން ދިއުމަށް ވަނީ ވިސާ ދޫކޮށްފަ އެވެ. އޭގެ ތެރެއިން އަދި ފަސްލައްކަ އާއި ހަލައްކަ އާ ދެމެދުގެ އަދަދަކަށް މައްކާއަށް ހައްޖުވެރިން ދާނެ އެވެ. ނަމަވެސް ކުރިޔަށް އޮތް ހަތަރު ދުވަހު ވަރަށް މަދުހާލަތެއްގައި ނޫނީ މައްކާއަށް ދާނީ ސައޫދީ އަރަބިޔާގެ އެތެރޭންދާ ހައްޖުވެރިންނެވެ.
މިހާތަނަށް ވައިގެ މަގުން 1.3 މިލިޔަން މީހުން ގޮސްފައިވާ އިރު އެއްގަމު މަގުން ގޮސްފައި ވަނީ ލައްކައެއްހާ މީހުންނެވެ. ކަނޑުމަގުން 12،000 މީހުންނެވެ. އެއްގަމު މަގުން ދަނީ މައިގަނޑު ގޮތެއްގައި ސައޫދީގެ ވަށައިގެންވާ އަވަށްޓެރި ގައުމުތަކުގެ ހައްޖުވެރިން ކަމަށް ސައޫދީ އިމިގްރޭޝަން އާ ހަވާލާދީ އެ ގައުމުގެ ރަސްމީ މީޑިއާ ބުނެ އެވެ.
އަނެއްކޮޅުން ހައްޖުވެރިންނަށް ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކާ ކުރިމަތިލުމުގެ ގޮތުން ސައޫދީ ސިއްޙަތާ ބެހޭ ދާއިރާއިން ވަނީ މައްކާއާއި މަދީނާގެ އިތުރުން މިނާއާއި އަރަފާތު އަދި މުޒްދަލިފާގައި 128 އަށް ވުރެ ގިނަ ސިއްޙީ މަރުކަޒުތައް ގާއިމްކޮށްފަ އެވެ. އެތަންތަނުގައި ހައްޖުވެރިންނަށް ޚާއްސަކޮށްގެން 4000 އަށްވުރެ ގިނަ އެނދު އެބަހުއްޓެވެ. ސައޫދީ އާންމު ހޮސްޕިޓަލްތަކުގެ ތެރެއިން ވެސް ބައެއް ހޮސްޕިޓަލްތަކުން ހައްޖުވެރިންނަށް ސިއްޙީ ޚިދްމަތްތައް ދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސައިފަ އެވެ.
ހައްޖުވެރިންގެ ޚިދުމަތުގައި 100 އަށްވުރެ ގިނަ އެމްބިއުލެންސް ހަރަކާތްތެރިވާ އިރު އެއީ އޭގެ އެތެރޭގައި ފަރުވާދެވޭ ފަދަ ފެންވަރުގެ ޚިދްމަތްތަކާ އެކު ހަރަކާތްތެރިވާ އެމްބިއުލެންސްތަކެވެ. ހައްޖުވެރިންގެ ޚިދްމަތުގައި ސައުދީ ރެޑް ކްރެސެންޓް ޖަމާއަތުގެ 10،000 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންދެ އެވެ. މީގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙަތާބެހޭ އެހީތެރިން ހިމެނެ އެވެ. ހައްޖުވެރިން އަރަފާތުގެ ބިމަށްދާނީ ހައްޖު މަހުގެ އަށްވަނަ ދުވަހު އެވެ. އެއީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހެވެ.
އޭގެ ކުރިން ތަރްވިޔާގެ ދުވަހު (ހައްޖުމަހުގެ ހަތް ވަނަ ދުވަހު) ހައްޖުވެރިން މިނާއަށްދާނެ އެވެ. އެއީ އަރަފާތަށް ދިޔުމަށް ތައްޔާރުވުމުގެ ގޮތުންނެވެ. ހައްޖުވެރިންގެ ޚިދްމަތުގައި ސައޫދީ ސަލާމަތީ ބާރުތަކުގެ އެތައް ހާސްބަޔަކު މިނާއާއި އަރަފާތާއި މުޒްދަލިފާގައި ހަރަކާތްތެރިވާނެ އެވެ. (ސައޫދީ މީޑީއާ)