މީގެ ތިން މަސް ކުރިން ލ. މާމެންދޫގައި ޒުވާނަކަށް ކަނޑި އާއި ކަތިވަޅިން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހުންގެ ތަހުގީގު ނިމި ކޯޓު އަމުރަށް ދޫކޮށްލާފައިވާ ކަމަށާއި އެ މައްސަލަ ވަރަށް އަވަހަށް ޕީޖީ އަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

އެއީ ކިތައް މީހުން ކަން ފުލުހުން މިއަދު ނުބުނި ނަމަވެސް ކުރިން ބުނެފައި ވަނީ ހައްޔަރު ކޮށްފައި ވަނީ ފަސް މީހަކާއި ކުޑަކުއްޖެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މާމެންދޫގައި ގދ. ނަޑެއްލާ ކްލައިމެކްސް، އަހުމަދު ޝާޒް އައްބާސް 23، އަށް ހަމަލަ ދިން މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުން މިދިޔަ މަހުގެތެރޭ ކޯޓުން ދޫކޮށްލާފައިވާކަމަށެވެ. ދޫކޮށްލީ އެމީހުން ހައްޔަރުގައި ބައިތިއްބާނެ ތަނެއް ނެތް ކަމަށް ކޯޓުން ބުނުމުން ކަމަށެވެ. އެހެން އެންގީ ލ. އަތޮޅުގެ ކޮން މެޖިސްޓްރޭޓް ކޯޓަކުން ކަމެއް ނުބުނެ އެވެ.

މި މީހުން ފުރަތަމަ ހައްޔަރުކޮށް ބަންދުން ވީއްލުމުގެ ވަގުތު ކުޑަތަންވީ އިރު، ލ. އަތޮޅުގެ ބައެއް މެޖިސްޓްރޭޓް ކޯޓްތަކުން މުއްދަތު އިތުރު ނުކުރެވިގެން ވެސް ފުލުހުން އޭރު އުޅެފައި ވެއެވެ.

މި މައްސަލަ ޕީޖީއަށް ފޮނުވަން ނިންމި އިރު އިއްޔެ ހަވީރު އެ އަތޮޅު ކުނަހަންދުއަށްދިޔަ އެ އަތޮޅު މާމެންދޫ ބަޔަކާއި ކުނަހަންދޫ ބަޔަކާ ދެމެދު ހިނގި މާރާމާރީގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރި ތިން މީހުންގެ ތެރޭގައި ވެސް ޝާޒަށް ދިން ހަމަލައާ ގުޅިގެން ހައްޔަރު ކުރި މީހަކު ވެސް ހިމެނޭ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

މޫނު ނިވާކޮށްގެން ތިބި ބަޔަކު މާމެންދޫ އަށް އަރާ ހިންގި މާރާމާރީގައި ޝާޒްގެ ކަނާތުފައިގެ ކަކުލު ހުޅަށް ހަމަލާދީ ގާތްގަނޑަކަށް ކަކޫ ބުރިކޮށްލާފައިވާ ކަމަށް ގަމު ހޮސްޕިޓަލުން އޭރު ވަނީ ބުނެފަ އެވެ.