އަލްމަސްޖިދުއްނަބަވީ ނުވަތަ ކީރިތި ރަސޫލާގެ މިސްކިތްކޮޅަކީ އެކަލޭގެފާނު މައްކާއިން މަދީނާއަށް ކުރެއްވި ހިޖްރައިގެ ތާރީޚީ ދަތުރުފުޅަށްފަހު (ހިޖްރީގޮތުން އެއްވަނަ އަހަރު، މީލާދީގޮތުން 622 ވަނައަހަރު) ބިނާކުރެއްވި މިސްކިތެވެ. މިއީ މުސްލިމުންގެ ދެވަނަ ޙަރަމްފުޅެވެ. މިމިސްކިތް ބިނާކުރައްވާފައިވަނީ ގުބާ މިސްކަތަށްފަހު ގައެވެ.

ކީރިތި ރަސޫލާ އަލްމަސްޖިދުއްނަބަވީ ބިނާކުރެއްވީ އެކަލޭގެ ފާނުގެ ގަނޑުވަރާ ވަރަށް ގާތުގައެވެ. އެމިސްކިތް ބިނާކުރުމުގެ މަސައްކަތުގައި އަސްޙާބު ބޭކަލުންނާއެކު ޚުދު އެކަލޭގެފާނުވެސް އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަލްމަސްޖިދުއްނަބަވީގައި ކުރާ ނަމާދުގެ ޘަވާބު، މަސްޖިދުލްހަރާމް ފިޔަވައި އެހެން މިސްކިތެއްގައި ކުރާ ނަމާދުގެ ޘަވާބަށްވުރެ އެއްހާސް ގުނަ އިތުރުކަން އެކަލޭގެފާނުގެ ޙަދީޘް ފުޅުން ސާބިތުވެފައި ވެއެވެ.

އަލްމަސްޖިދުއްނަބަވީގެ އެތެރެ

ބޮޑުކޮށް ފުޅާކުރުން

ކީރިތި ރަސޫލާގެ ޒަމާނަށްފަހު އިސްލާމީ ޚިލާތުގެ ވެރިކަމުގެ ހަތް ދައުރެއްގައި އަލްމަސްޖިދުއްނަބަވީ ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށްފަހު އަލްމަސްޖިދުއްނަބަވީ ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރެއްވީ އުމަރުގެފާނުގެ ޚަލީފާ ކަމުގައެވެ. ދެން ޢުޘްމާނުގެފާނުގެ ޚަލީފާކަމުގައެވެ. އެއަށްފަހު އަމަވީ ދައުލަތާއި އައްބާސީ ދައުލަތާއި މަމާލީކުންގެ ވެރިކަމުގައާއި އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު އެކި ފަހަރުމަތިން އަލްމަސްޖިދުއްނަބަވީގެ ޖާގަ ބޮޑުކޮށް އެމުގައްދަސް ބިނާ މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރެވިފައިވެއެވެ.

އަލްމަސްޖިދުއްނަބަވީގެ ބޭރު ހިޔާ ކުރުމުގެ ގޮތުން ޖަހާފައިވާ ކުޑަތައް

ނަމަވެސް އަލްމަސްޖިދުއްނަބަވީގެ ޖާގަ ބޮޑުކުރުމާއި މަރާމާތުގެ މަސައްކަތް އެންމެ ފުޅާދާއިރާއެއްގައި ކޮށްފައިވަނީ ސައޫދީ އަރަބިޔާގެ މިހާރު ވެރިކަންކުރާ ދައުލަތުގެ ވެރިކަމުގައެވެ. ސައޫދީ ދައުލަތް އުފެދުނުފަހުން ތިން ފަހަރެއްގެ މަތިން އަލްމަސްޖިދުއްނަބަވީ ބޮޑުކޮށް ފުޅާކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މި މަސައްކަތްތަކާއެކު މިހާރު އަލްމަސްޖިދުއްނަބަވީ އަކީ ދުނިޔޭގައިވާ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. އެމިސްކިތުގައި މިހާރު އެއްފަހަރާ ހަތްލައްކައެއްހާ މީހުންނަށް ނަމާދު ކުރެވެއެވެ. އެއީ މިސްކިތުގެ އެތެރޭގައާއި ނަމާދުކުރުމަށްޓަކައި މިސްކިތުގެ ވަށައިގެން ތައްޔާރުކޮށްފައިވާ ސަރަހައްދުތަކުގައެވެ.

170 އަށް ވުރެ ގިނަ ގުއްބާއި 10 މުންނާރު

އަލްމަސްޖިދުއްނަބަވީ ގައި މިހާރު 10 މުންނާރު ހުރެއެވެ. މީގެތެރެއިން އެންމެ ދިގު މުންނާރުގެ އުސްމިނަކީ 103 މީޓަރެވެ. ގުއްބުތަކަށް ބަލާއިރު ސަތޭކަ ހަތްދިހައަށްވުރެ ގިނަ ގުއްބާއި މައި އެއްގުއްބު ހުރެއެވެ. މައި ގުއްބުގެ ކުލައަކީ ފެހިކުލައެވެ. އެ ގުއްބުގެ އުސްމިނުގައި 8.8 މީޓަރު ހުރެއެވެ. އަލްމަސްޖިދުއްނަބަވީގެ ވަށައިގެން ނަމާދުކުރުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދުތަކުގައިވަނީ ދުވާލު ހުޅުވޭގޮތަށް އަދި ރޭގަނޑު ލެއްޕޭގޮތަށް ބޮޑެތި ކުޑަތަކެއް ޖަހާފައެވެ. އެމިސްކިތުގެ އެތެރޭގައިވާ މުހިއްމު ތަންތަނުގެ ތެރޭގައި ކީރިތި ރަސޫލާގެ މެންބަރުކޮޅާއި އައްރަވްޟާ އާއި މަކްތަބަތުލްމަސްޖިދުއްނަބަވީ އަދި ދައްކަތުލްމުއައްޛިނީން ހިމެނެއެވެ.

ނަބަވީގައިވާ ސުވަރުގޭގެ ބިންކޮޅު

މަސްޖިދުއްނަބަވީ ގައިވާ އައްރަވްޟާ އަކީ ސުވަރުގޭގެ ބިންކޮޅެއް ކަމަށް ކީރިތި ރަސޫލާގެ ޙަދީޘް ފުޅުން ސާބިތުވާ ތަނެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވަނީ ތިމަންކަލޭގެފާނުގެ ގެކޮޅާއި ތިމަންކަލޭގެފަނުގެ މެންބަރުކޮޅާ ދެމެދުގައިވަނީ ސުވަރުގޭގެ ބިމުގެ ތެރޭން ބިންކޮޅެއް ކަމުގައެވެ. އައްރަވްޟާ އަކީ ކީރިތީ ރަސޫލާގެ ގެކޮޅާއި އެކަލޭގެފާނުގެ މެންބަރުކޮޅާ ދެމެދުގައިވާ ކުޑަ ތަންކޮޅެކެވެ.

ކިރިތި ރަސޫލާއާއި އަބޫބަކުރުގެފާނާއި އުމަރުގެފާނުގެ މަގްބަރާ

ކީރިތީ ރަސޫލާގެ ގެކޮޅާއި އެކަލޭގެފާނުގެ މެންބަރުކޮޅާ ދެމެދުގެ ދިގުމިނަކީ ގާތްގަނޑަކަށް 26.5 މީޓަރުކަމަށްވެއެވެ. ކީރިތި ރަސޫލާއާއި ބައެއް ޚަލީފާއިންގެ މަގްބަރާވެސް ވަނީ އަލްމަސްޖިދުއްނަބަވީގެ ތެރޭގައެވެ. އަބޫބަކުރުގެފާނުގެ ގަބުރުފުޅާއި އުމަރުގެފާނުގެ ގަބުރުފުޅު ވަނީ އެ މިސްކިތުގައި ކީރިތި ރަސޫލާގެ ގަބުރުފުޅާ ޖެހިގެންނެވެ. އަލްމަސްޖިދުއްނަބަވީ އަކީ ދުނިޔޭގައިވާ އެންމެ ރީތި މިސްކިތެވެ.