ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖަލުން ސަލާމަތްވެގެން ރާއްޖެއިން ބޭރުގައި އުޅެވެނީ އިންޑިއާގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ސަރުކާރުން ބޭއްވި ސެމިނާރެއްގައި ބައިވެރިވެވަޑައިގެން އެގައުމުގެ ނޫހެއް ކަަމަށްވާ 'ދަ ވަޔަރ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަލުން ސަލާމަތްވުމުގައި އިންޑިއާއިން މުހިންމު ދައުރެއް އަދާކުރިކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"އަޅުގަނޑު ޖަލުން ސަލާމަތްވެ މިތަނަށް އައިސް ހުރީމާ މަންޒަރު ވަރަށް ފަސޭހައިން ރީއްޗަށް ފެންނަން މިއޮތީ. އަޅުގަނޑަށް ގަބުލު ކުރެވޭ އިންޑިއާގެ ވަރަށް މުހިންމު ދައުރެއް އެކަމުގައި އޮތް ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެން، އެގައުމުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ތަފާތު އެކި ފަހަރުމަތިން ސްރީލަންކާއަށް ވެސް ވަޑައިގެންފަ އެވެ. ނަމަވެސް މިއީ ހުކުމުގައި ހުންނަވައިގެން އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ޖަލުހުކުމެއް އިއްވާފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާ ޚިލާފަށް ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައިގަ އެވެ. ކުރިން އެކަމަށް އިންކާރު ކުރެއްވި ނަމަވެސް، އިންޑިއާގެ ނޫހަށް ދެއްވި އިންޓަވިއުގައި ރައީސް ނަޝީދު ވަނީ، އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.