26 Aug 2017, 09:11
ކަރީނާ ކަޕޫރު ޚާން އަދި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމުރު އަލީ ޚާން ކަރީނާގެ ކުރިއަށް އޮތް ފިލްމު 'ވީރޭ ދީ ވެޑިންގ' އިން ފެނިގެން ދާނެ ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތައް، ކަރީނާގެ ތަރުޖަމާނު ދޮގުކޮށްފި އެވެ.
އަދި އަހަރެއް ވެސް ފުރިފައި ނުވާ ތައިމުރު އަކީ މިހާރު ބޮލީވުޑްގެ ބައެއް ފަންނާނުންނަށް ވުރެ ބޮޑު މަޝްހޫރު ކަމަކާއި ލޯތްބެއް ހޯދައިފައިވާ ކުއްޖެކެވެ. ކަރީނާގެ ފަހަތުން ދުވާ ޕަޕަރާޒީން ވެސް މިހާރު ބޮޑަށް ސަމާލުކަން ދެނީ ތައިމުރު އަށެވެ. އެހާވެސް ތައިމުރު ލޯތްބެވެ.
'ވީރޭ ދީ ވެޑިންގ' ގައި ތައިމުރުގެ ޚާއްސަ ފެނިލުމެއް ހިމެނޭނެ ކަމަށް ވާހަކަތައް ދެކެވެން ފެށީ އެހެންވެ ކަމަށް ވެދާނެ އެވެ. އެ ފިލްމުގައި ތައުމުރު ފެނިގެންދާނެ ކަމަށް ވާހަކަތައް ދެކެވެމުން ފެށުމާ އެކު ކަރީނާގެ ފަރާތުން މިވަނީ އެވާހަކަތައް ދޮގުކޮށްފައެވެ.
ކަރީނާގެ ތަރުޖަމާނު ދިން ބަޔާނެއްގައި ބުނެފައި ވަނީ އެ ވާހަކަތަކުގައި އެއްވެސް ކަހަލަ ހަގީގަތެއް ނެތް ކަމަށާއި އެއީ މީހަކު ފަތުރައިގެން އުޅޭ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ.
އެހެންކަމުން ފިލްމަކުން ތައިމުރު ފެންނާނެ ކަމުގެ އުންމީދުގައި ތިބި ފަރާތްތަކަށް މި ޖެހުނީ ދިގު އިންތިޒާރެއް ކުރާށެވެ. އެއީ ކައިރި މުސްތަގުބަލެއްގައި ތައިމުރު ފިލްމަކުން ނުފެންނާނެތީ އެވެ.