ށ. ފޯކައިދޫގައި ބަޔަކު މިއަދު ގަހެއް ކަނޑަނިކޮށް، ކުޑަ ދެ ކުއްޖަކު ގަހުގެ ދަށުވެ ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ ބަޔަކު މިއަދު ގަހުގެ ބޮޑު ބައި ކަނޑާފައި ގަހުގައި ވާ ޖެހިތަނުން ގަސް ވެއްޓި ދެ ކުއްޖަކު ގަހުގެ ދަށުވެ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެ ދެ ކުދިންނަށް މިހާރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެމީހާ ބުންޏެވެ.

"އެއްކުއްޖެއްގެ ފައިގެ ތަބިކަށިން މަތިން ވަނީ ބިންދައިގެން ގޮސްފައި. އަނެއް ކުއްޖާގެ ފަލަ މަސްގަނޑުގެ ކަށިގަނޑު ބިންދައިގެން ގޮސް މުޅިން ވަނީ ދެކަފިވެފަ،" ފޯކައިދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

އުމުރުން ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ އެ ދެ ކުދިންވެސް އިތުރު ފަރުވާއަށް މާލެ ދިއުމަށް ޑޮކްޓަރުން ލަފާ ދެއްވާފަައިވާ ކަމަށާއި ވީހާވެސް އަވަހަށް ފުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

ފޮޓޯތަކުން ފެންނަ ގޮތުން އެކުއްދިން ގަޔަށް ވެއްޓިފައިވަނީ ބިޔަބޮޑު ހިރުނދު ގަހެކެވެ.