މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމްކޮށްގެން ބާއްވާ ފަސްވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފައިނަލުގެ ޖާގަތައް ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އާއި މައި ކޮލެޖުން ހޯދައިފިއެވެ.

އެ މުބާރާތުގެ ފައިނަލްގެ ޖާގަތައް އެފްއެޗްޓީއެސްއާއި މައި ކޮލެޖުން ހޯދީ މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ މެޗުތަކުން މޮޅުވެގެންނެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ސެމީގެ ފުރަތަމަ މެޗުގައި އެފްއެޗްޓީއެސްއާއި ކްލިކް ކޮލެޖް ބައްދަލުކުރި މެޗުގެ ތެރެއިން: ސެމީގެ މެޗުތައް ކާމިޔާބުކުރީ އެފްއެޗްޓީއެސްއާއި މައި ކޮލެޖް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސެމީގެ ފުރަތަމަ މެޗުގައި ކްލިކް ކޮލެޖާ ވާދަކޮށް އެފްއެޗްޓީއެސް މޮޅުވެފައިވަނީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެފްއެޗްޓީއެސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ދެވަނަ ހާފުގައި އެފްއެޗްޓީއެސްގެ ލަނޑު، އަބްދުލް ވާހިދު އިބްރާހިމް (ވާޑު)ގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ޚާޒިމް ވަޖީހެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި ކްލިކްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލި ވާޑުއެވެ.

ސެމީގެ ދެވަނަ މެޗުގައި ސައިރިކްސް ކޮލެޖާ ވާދަކޮށް މައި ކޮލެޖް މޮޅުވެފައިވަނީ 6-2 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މައި ކޮލެޖުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު އައިހަމެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ނޫރައްދީނެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ސެމީގެ ފުރަތަމަ މެޗުގައި އެފްއެޗްޓީއެސްއާއި ކްލިކް ކޮލެޖް ބައްދަލުކުރި މެޗުގެ ތެރެއިން: ސެމީގެ މެޗުތައް ކާމިޔާބުކުރީ އެފްއެޗްޓީއެސްއާއި މައި ކޮލެޖް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗުގައި ސައިރިކްސްގެ ފުރަތަމަ ލަނޑު އިސްމާއިލް މަމްދޫހު (މަންޑޭ) ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ދެވަނަ ލަނޑަކީ މައި ކޮލެޖުގެ އަހްމަދު ތަސްނީމް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. އެ މެޗުގެ މައި ކޮލެޖްގެ މުހައްމަދު ފަރުހާނަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކިއިރު، ސައިރިކްސްގެ އަހްމަދު މާހިރު މުހައްމަދަށް ވެސް ރަތް ކާޑެއް ދައްކާފައިވެއެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި އެފްއެޗްޓީއެސްއާއި މައި ކޮލެޖް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00ގައެވެ. މިއީ އެ މުބާރާތުގެ ފައިނަލަށް އެ ދެ ޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގެ ސެމީގެ ފުރަތަމަ މެޗުގައި އެފްއެޗްޓީއެސްއާއި ކްލިކް ކޮލެޖް ބައްދަލުކުރި މެޗުގެ ތެރެއިން: ސެމީގެ މެޗުތައް ކާމިޔާބުކުރީ އެފްއެޗްޓީއެސްއާއި މައި ކޮލެޖް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ރާއްޖޭގެ މަތީ ތައުލީމު ދޭ މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްސަލް މުބާރާތުގައި މި އަހަރު ގައުމީ ޔުނިވާސިޓީގެ ނުވަ ފެކަލްޓީއަކަށް ނިސްބަތްވާ ނުވަ ޓީމަކާއި ގައުމީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ އެކި ކޮލެޖް، ޔުނިވާސިޓީތަކަށް ނިސްބަތްވާ ނުވަ ޓީމަކާއެކު ޖުމްލަ 18 ޓީމު ވާދަކުރެއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ފެއާޕްލޭ ޓީމަށް 6،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، އެންމެ ރަނގަޅަށް ސަޕޯޓްކުރާ ޓީމަށް 3،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.