އާޖެންޓީނާގައި ކުރިއަށްދިޔަ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައި، ކޮޕާ އެމެރިކާގެ ރިކޯޑް އުރުގުއޭ އިން އާކޮށްފި އެވެ.

ރާއްޖޭ ގަޑިން ރޭ ދަންވަރު 12:00 ޖެހިއިރު ކުޅުނު ފައިނަލް މެޗް ކާމިޔާބުކޮށް އުރުގުއޭ ތަށި އުފުލައިލީ ޕެރެގުއޭ ކޮޅަށް ތިން ލަނޑު ވައްދަލައިގެނެވެ. މުބާރާތުގެ ތަށި އުރުގުއޭއަށް ކާމިޔާބު ކޮށްދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެތުލެޓިކޯ މެޑްރިޑްގެ ތަރި، އަދި އެންމެ ފަހުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާ ޑިއެގޯ ފޯލާން އެވެ. ރޭގެ މެޗްގައި ފޯލާން ވަނީ ޕެރަގުއޭ ދިފާއީ ޑިޕާޓްމެންޓް ކޮށިއަރުވައިލާ ދެ ގޯލު ޖަހައިފަ އެވެ. ފޯލާން އޭނޭގެ ފެންވަރު ދައްކާލިއިރު އޭނާގެ ސްޓްރައިކިން ޕާޓްނަރު، ނުރައްކާތެރި ފޯވާޑް ލުއިސް ސުއަރޭޒް ވެސް ވަނީ މޮޅަށް ކުޅެ ލަނޑެއް ހަދިޔާ ކޮށްދީފަ އެވެ.

ރޭގެ ފައިނަލަކީ ފޯލާންގެ ލަނޑުތަކުން ކޮޕާ އެމެރިކާ ތަށި އުރުގުއޭއަށް ލިބުނު ފުރަތަމަ ފަހަރެވެ. އަދި ފައިނަލް މެޗުގައި އޭނާ ޖެހި ދެ ލަނޑަކީ މުބާރާތުގައި އޭނާ ޖެހި ހަމައެކަނި ދެ ގޯލު ވެސް މެ އެވެ.

ކޮޕާ އެމެރިކާގެ ޗެމްޕިއަނުންނަށްވެ، އުރުގުއޭ އުފަލުގެ ކާނިވަލަކަށް ހަދައި ދިނުމަށް ދެ ލަނޑު ޖަހައިދިން ފޯލާން ބުނީ ތަށި ކާމިޔާބު ކުރުމުގައި ޓީމްގެ ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. ކުޅުންތެރިންގެ ފަރާތުން ފެނުނީ ޤައުމުގެ ނަން މުޅި ދުނިޔެއަށް އިއްވާލައި ޤައުމަށް ރީތީ ނަން ހޯދާ ދިނުމުގައި ޖާނާ މާލު ގުރުބާން ކުރި ތަން ކަމަށް ވެސް ފޯލާން ބުންޏެވެ.

ބޮޑު ކާމިޔާބީއާއެކު ކޮޕާ އެމެރިކާގެ ތާރީހުގައި އުރުގުއޭ އާކުރި ރިކޯޑަކީ ހިތުން ފިލުވާލެވޭ ވަރަށް ވުރެ ބޮޑު އުފަލެއް ކަމަށް ވެސް ފޯލާން ވަނީ މެޗަށް ފަހު ބުނެފަ އެވެ. ރޭގެ ތައްޓާއެކު މި މުބާރާތުގެ ތަށި 15 ވަނަ ފަހަރަށް ހޯދި ޓީމަށް އުރުގުއޭ ވީ އެވެ. މީގެ ކުރިން އުރުގުއޭ އާއި އާޖެންޓީނާ އޮތީ ހަމަހަމަ ރިކޯޑެއްގަ އެވެ. އުރުގުއޭ، ކޮޕާ އެމެރިކާގެ ތަށި އެންމެ ފަހުން ހޯދީ 1995 ގައެވެ.

"މި ކާމިޔާބު ދުވަހަކު ވެސް ހިތުން ނުފިލާނެ. ހަޔާތުގައި ލިބުނު އެންމެ އުފާވެރި އެއްދުވަހަށް މިދުވަސް ވެއްޖެ. ފުޓްބޯޅައިގެ ކެރިއަރުގައި ވެސް މިހާ އުފާވެރި ދުވަހެއް އަހަންނަކަށް ނުލިބޭ މިނޫނިއްޔާ. އަހަރެން ކާމިޔާބު ކޮށްދިން ދެ ލަނޑާއެކު، އަހެރެންގެ އާއިލާވެސް މިއަދު އުފާ ވާނެ. އެއީ އަހަރެންގެ ބައްޕަ ކުޅުނު އިރުވެސް ކާފާ ކުޅުނު އިރުވެސް މުބާރާތުގެ ތަށި ހޯދާފައި ވާތީ،" ފޯލާން ބުންޏެވެ.

ފޯރި ގަދަވި ފައިނަލްގައި ފުރަތަމަ ލަނޑު އުރުގުއޭ އިން ޖަހާ ކުރި ހޯދައިދިނީ ފުރަތަމަ ހާފްގެ 12 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒް އެވެ. އެ ލަނޑުން އުރުގުއޭ އަށް ލިބުނު ހިތްހަމަޖެހުން ބޮޑުކޮށްދިނީ ހާފު ނިމެން ދަނިކޮށް ފޯލާން ޖަހައިދިން ގޯލުންނެވެ. މިމެޗްގައި ޕެރަގުއޭ ކުޅުންތެރިންގެ ކަރު އެލުވައިލާ ހިސާބަށް ގެންގޮސް ޕެރަގުއޭގެ ސަޕޯޓަރުން މާޔޫސްކޮށް ރޮއްވައިލީ ފަހު ހާފުގައި ފޯލާން އިތުރު ލަނޑެއް ޕެރަގުއޭގެ ދާގަނޑުގައި ތަތްކޮށްލި ހިސާބުންނެވެ.