މި ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ "ގްރޫޕް އޮފް ޑެތު" ނުވަތަ މަރުގެ ގްރޫޕްގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިންގެ ރެއާލް މެޑްރިޑާއެކު ޖަރުމަނުވިލާތުގެ ބޮރޯޝިއާ ޑޯޓްމަންޑާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ ލައްވާލައިފިއެވެ.

ފްރާންސްގެ މޮނާކޯގައި ރޭ ބޭއްވި ގުރުނެގުމުގެ ރަސްމިޔާތުގައި، ގްރޫޕް "އެޗް"ގައި، ރެއާލް، ޑޯޓްމަންޑް، ޓޮޓެންހަމްގެ އިތުރުން ހިމެނެނީ ސައިޕްރަސްގެ އަޕޯއެލް ނިކޯސިއާއެވެ.

މިދިޔަ ސީޒަންގެ ކުއާޓާ ފައިނަލްގައި ވާދަކުރި، ސްޕެއިންގެ ބާސެލޯނާއާ އިޓަލީގެ ޔުވެންޓަސް ލައްވައިލާ އެއް ގްރޫޕެއްގައެވެ. ގްރޫޕް "ޑީ"ގައި މި ދެޓީމުގެ އިތުރުން ހިމެނެނީ ގްރީކްގެ އޮލިމްޕިއާކޮސް އާއި ޕޯޗްގަލްގެ ސްޕޯޓިން ސީޕީއެވެ.

އިނގިރޭސި ލީގު ޗެމްޕިއަން ޗެލްސީއަށް، ގްރޫޕް "ސީ"ގައި ސްޕެެއިންގެ އެތުލެޓީކޯ މެޑްރިޑާއި، އިޓަލީގެ ރޯމާއާ ވާދަކުރާން ޖެހޭއިރު މި ގްރޫޕްގައި ދެން ހިމެނެނީ އަޒަރްބައިޖާންގެ އެފްކޭ ޤަރަބާގުއެވެ.

ގްރޫޕް ސްޓޭޖްގައި އެންމެ ލުއިކޮށް އެންމެ ބޮޑު ހިނިތުންވުމެއް އަދި އޮތީ މެންޗެސްޓާ ޔުނައިޓެޑަށެވެ. ގްރޫޕް "އޭ"ގައި އެޓީމަށް ލައްވައިލީ ބެންފިކާ، އެފްސީ ބާސެލް، އަދި ސީއެސްކާ މޮސްކޯއެވެ. އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީން ވާދަކުރާނީ ގްރޫޕް "އެފް"ގައި ޝަކްތާ ޑޮނެޓްސްކް، ނަޕީލީ އަދި ފޭނޫދާ ދެކޮޅަށެވެ.

މި ސީޒަންގައި އެންމެ ބޮޑޫ ޚަރަދެއް ކޮށްފައިވާ ފްރާންސްގެ މުއްސަނދި ޕީއެސްޖީ ލައްވައިލީ ގްރޫޕް "ބީ"ގައި ބަޔާން މިއުނިކާއި އެންޑަލެޓްޗް އަދި ސެލްޓީކާ އެވެ.

އިނގިރޭސި ކްލަބު ލިވަޕޫލުން ގިނަ ދުވަސްތަކަކަށް ފަހު ޗެމްޕިއަންސް ލީގާ ކުރިމަތިލާއިރު ގްރޫޕް "އީ"ގައި ލިވަޕޫލް ވާދަކުރާނީ ސްޕާކްޓަކް މޮސްކޯ، ސެވިއްޔާ، އަދި އެންކޭ މަރިބޯރއާއެވެ.

ކޮންމެ ގްރޫޕަކަށް ހަތަރު ޓީމު ވާގޮތަށް ޖުމުލަ އަށް ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް "ޖީ"ގައި ހިމެނެނީ މޮނާކޯ، އެފްސީ ޕޯޓޯ، ބެސިކްޓަސް އަދި އާރްބީ ލިޕްޒިގެވެ.

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ، ސެޕްޓެމްބަރު 12 އަދި 13 ވަނަ ދުވަހުއެވެ.