ހަތް އަހަރަށްފަހު ކާޖަލް އަދި އަޖޭ ދޭވްގަން އެއް ފިލްމަކުން ފެންނަށް އުޅޭ ކަމުގެ ހަބަރުތައް ފެތުރެން ފަށައިފިއެވެ.

ހަމަ ޔަގީނުންވެސް މިއީ ދެތަރިންގެ ފޭނުންނަށް ލިބޭނެ ވަރަށް އުފާވެރި ހަބަރެކެވެ. މިހާރު މިއޮތީ އެ އިންތިޒާރުގެ ފޮނި ވަގުތުތަކަށް ނިމުން އައިސްފައެވެ.

'އިންޑިއަން އެކްސްޕްރެސް' އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު ޕްރަދީޕް ސާކަރު ބުނި ގޮތުގައި މި ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

" މި ފިލްމުން ކާޖަލް އަދި އޭނާގެ ފިރިމީހާ އެކީ ފެނިގެންދާނެ. އަވަސް މުސްތަގްބަލެއްގައިި ފިލްމުގެ ޝޫޓިންގް ތައް ވެސް ފެށިގެންދާނެ. ވަރަށް އުފާވޭ މި ދެތަރިންނާ އެއްކޮށް މަސައްކަތް ކުރަން ލިބުނީމަ،" ޑައިރެކްޓަރު ބުންޏެވެ.

މި ދެތަރިންގެ 'ކެމިސްޓްރީ' ވެސް ވަރަށް ގުޅޭ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާނެ ކަމީ ޝައްކެތްވެސް އޮތް ކަމެއްނޫނެވެ. އަޖޭގެ ފިލްމެއް އަންނަ ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހު ބެލުންތެރިންނާ ހިސާބަށް އަންނައިރު ކާޖަލް ވަނީ 20 އަހަރަށްފަހު ތަމަޅަ ފިލްމެއް ކުޅެފައެވެ.

މި ދެރިން އެންމެ ފަހުން އެއްކޮށް ފިލްމެއް ކުޅެފައިވަނީ 2010 ވަނަ އަހަރުގައެވެ.