ގާނޫނީ ވަކީލުންގެ ސަސްޕެންޝަން އުވާލުމުގައި ސުޕްރީމް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލު ސާފުކޮށްދިނުމަށް ސަސްޕެންޑުކުރި ގާނޫނީ ވަކީލުން އެ ކޯޓަށް ސިޓީއެއް ފޮނުވައިފިއެވެ.

އެ ސިޓީގައި ބުނެފައި ވަނީ ސަސްޕެންޝަން އުވާލުމުގައި އަމަލުކުރާ އުސޫލާއި، ބަލާ ޝަރުތުތައް ސާފުވެގެން ނޫނީ އެ ޝަރުތުތައް ފުރިހަމަކުރަން ނޭނގޭނެތީވެ އެ ޝަރުތުތައް ހާމަކޮށްދިނުމަށް އެދޭ ކަމަށެވެ.

"ގާނޫނުތަކާއި ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ އުސޫލެއްނަމަ އޮންނަންވާނީ ލިޔެވިފައި. ފެނިވަޑައިގަންނަވާގޮތަށް ކަން ކުރުމަކީ މާ ކުރީގެ އުސޫލެއް،" ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ސަސްޕެންޑު ކުރި ވަކީލުންގެ ތެރެއިން ބައެއް ވަކީލުންގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ. ސަސްޕެންޝަން އުވާލީ އެބޭފުޅުން މައާފަށްއެދިވަޑައިގަތުމުންނެވެ.