27 Aug 2017, 10:31
އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ދޮރަށް ކަތިވަޅިއެއް ޖަހައި ގެއްލުން ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެކަން ހިނގައިގެން ރިޕޯޓް ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:40 އެހާކަންހާއިރު ކަމަށެވެ. އަދި އެ މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވަ އެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީގެ ޔޫތު ލީގުގެ ކުރީގެ ރައީސް މޫސާ އަންވަރު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އޭނާގެ މަންމަ މެންގޭގެ މައި ދޮރަށް މިދިޔަ ހުކުރު ދުވަހުގެ ދަންވަރު ކަތިވަޅިއެއް ޖަހައި ގެއްލުން ދީފައިވާ ކަމަށެވެ. އަދި އޭނާ ހިއްސާ ކޮށްފައިވާ ފޮޓޯތަކުން އެ ގޭގެ ބައެއް ބިއްލޫރި ދޮރުތައް ވެސް ވަނީ ތަޅާލައިފަ އެވެ.