ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން 671 ދަރިވަރުން ދަސްވެނިއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެމްއެންޔޫގެ ދެވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، 11 ފެކަލްޓީ އަކުން ހިންގި 78 ކޯހަކުން ޖުމްލަ 671 ދަރިވަރުން ދަސްވެނިވެފައިވާއިރު، ދަސްވެނިވި ދަރިވަރުންގެ ތެރެއިން 72 ޕަސެންޓް ދަރިވަރުންނަކީ އަންހެނުންނެވެ.

އެއީ ދަސްވެނިވި ދަރިވަރުންގެ ތެރެއިން 485 ދަރިވަރުންނަކީ އަންހެނުންނެވެ. އަދި ފިރިހެނުންގެ އަދަދަކީ 186 ދަރިވަރުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ސަނަދު ހާސިލް ކޮށްފައިވަނީ ޑިގްރީ އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކުންނެވެ. އެގޮތުން ޑިގްރީ ފެންވަރުގެ އެކި ކޯސްތަކުން 286 ދަރިވަރަކު ސަނަދު ހާސިލްކުރި އިރު ޑިޕްލޮމާ ސަނަދު ހާސިލް ކުރީ 172 ދަރިވަރުންނެވެ.

ސަނަދު ހާސިލްކުރި މިންވަރު:

  • ސެޓްފިކެޓް ފެންވަރު: 51
  • އެޑްވާންސް ސެޓްފިކެޓް: 90
  • ޑިޕްލޮމާ: 172
  • އެޑްވާންސް ސެޓްފިކެޓް: 21
  • ބެޗްލާސް ޑިގްރީ: 286
  • މާސްޓާސް: 51

ގައުމީ ޔުނިވާސިޓީން އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ދަސްވެނިވެފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) އިންނާއި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ) އިންނެވެ.

އެގޮތުން، އެފްއެޗްއެސް އިން އެކަނި ވެސް 191 ދަރިވަރަކު ދަސްވެނިއިރު، އޭގެ ތެރެއިން 78 ދަރިވަރުންނަކީ ޑިޕްލޮމާ އަދި ޑިގްރީ ހާސިލްކުރި ނަރުހުންނެވެ. އޭގެ އިތުރުން ސެންޓަރު ފޯ އޯޕަން ލާނިން (ސީއޯއެލް) އިން 38 ނަރުހުން ޑިގްރީ ހާސިލް ކޮށްފައިވެއެވެ.

އަދި އެފްއީ އިން ހިންގި 12 ކޯހަކުން ޖުމްލަ 95 ދަރިވަރުން ދަސްވެނިވިއިރު، ސީއޯއެލް އިން ހިންގި ހަތް ކޯހަކުން 81 ދަރިވަރަކު ވަނީ ރަސްމިއްޔާތުގައި ސަނަދު ހާސިލްކޮށް ދަސްވެނިވެފައެވެ.

އޭގެ އިތުރުން ރޭގެ ރަސްމިއްޔާތުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް 3.5 ނުވަތަ އެއަށްވުރެ މަތި ހޯދުމާއެކު އެކި ކޯސްތަކުން އެއްވަނަ ހޯދާފައިވާ ދަސްވެނިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ހަތް ދަރިވަރަކަށް ވަނީ ދީފައެވެ. އެ ދަރިވަރުންނަކީ:

  • ބެޗްލާރ އޮފް އާޓްސް އިން ދިވެހި ލޭންގުވެޖް ކޯހުން އެއްވަނަ

    • ދ. ރިނބުދޫ/ މޯސަމް، ފާތިމަތު ޝާނާ
  • ބެޗްލާރ އޮފް އިސްލާމިކް ސްޓަޑީޒް ކޯހުން އެއްވަނަ
    • މާލެ/ އޮޔާގިރި، މުސްއަބް އަހްމަދު ރަމީޒު
  • މާސްޓަރ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީޒް ކޯހުން އެއްވަނަ
    • ދ. ކުޑަހުވަދޫ/ ރޯސްލީން، އާސިފް މޫސާ އިބްރާހިމް
  • މާސްޓަރ އޮފް ލޯސް ކޯހުން އެއްވަނަ
    • ޅ. ހިންނަވަރު/ މާތިލަ، އާދަމް މުހައްމަދު
    • މާލެ/ ކެރަފާގެ، މުހައްމަދު ޝިފާން
  • މާސްޓަރ އޮފް ލޯސް (2016 ޓާމް ދޭއްގައި ނިމުނު) ކޯހުން އެއްވަނަ
    • ސ. ހުޅުދޫ/ ކަންމަތީގެ، ފާތިމަތު ޝިނާޒާ
  • މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުން އެއްވަނަ
    • ޅ. ހިންނަވަރު/ ގުލްއަލާގެ، އަބްދުލްއަލީމް ހަސަން

އޭގެ އިތުރުން، ރޭގެ ރަސްމިއްޔާތުން ދަސްވެނިވި ދަރިވަރުންގެ ތެރެއިން އެއްވެސް މާއްދާ އަކުން ފެއިލް ނުވެ ހުރިހާ މާއްދާތަކުން އެވްރެޖް ޑިސްޓިންކްޝަން ނުވަތަ ގްރޭޑް ޕޮއިންޓް އެވްރެޖް 3.0 ނުވަތަ އެއަށްވުރެ މަތިން ހޯދާފައިވާ 23 ދަރިވަރަކަށް ޑިސްޓިންކްޝަން އެވޯޑް ވަނީ ދީފައެވެ.