25 Jul 2011, 11:42
ރޯމަސް މާރުކޭޓުގައި ވިއްކާ މަހުގެ އަގު ވަކިބަޔަކު ކޮންޓްރޯލް ކުރަމުން ގެންދާތީ މާރުކޭޓުގެ ތެރޭގައި އައިސް ފޮށި ވައްދައިގެން މަސް ވިކުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ރޯމަސް މާރުކޭޓް ތެރެއަށް އައިސްފޮށި ނުވެއްދޭ ގޮތަށް ހަމަޖެއްސީ ބައެއް ފަރާތްތަކުން މާރުކޭޓު ތެރޭގައި ގިނަ އަދަދަކަށް އައިސް ފޮށިތައް ބަހައްޓައިގެން މަސް ވިއްކަމުން ގެންދާތީ އޭގެ ސަބަބުން މަސް ގަންނަންދާ ފަރާތްތަކާއި މަސްވިއްކާ މީހުންނަށް ދަތިވެ ރޯ މަހުގެ ކޮންޓްރޯލް ގެއްލުވާލާތީ އެކަމަށް ހައްލެއް ހޯދައިދޭ ކަމަށެވެ. އަދި ބުނީ ރޯ މަސް މާރުކޭޓުގެ ތެރޭގައި އެގޮތައް ބަހައްޓާފައި ހުންނަ ފޮށިތައް މީގެ ފަހުން ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ނަގަމުން ގެންދާނެ ކަމަށެވެ.
މާލޭގެ ރޯމަސް މާރުކޭޓުގެ ބޭރުގައި ގިނަ އަދަދަކަށް އައިސް ފޮށިތައް ބަހައްޓައިގެން ކުރިން މަސްވިއްކަމުން ގެންދިޔަ ބޭރު ފެންޑާ މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ ތަޅާލުމަށްފަހު އެތަނުގެ މަގުމަތީގައި ފާރު ބުރިއެއް ވެސް ރާނާފަ އެވެ.