25 Aug 2017, 08:57
ސުލްހަ މަސަލަސްކަން ގެއްލި ގައުމީ ސަލާމަތަށް ނުރައްކާތެރިވާފަދަ ކޮންޓެންޓްތައް ނުފޮނުވުމަށް ބްރޯޑްކާސްޓަރުންނަށް، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން އިލްތިމާސްކޮށްފިއެވެ.
ބްރޯޑްކޮމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަވަހާރަކޮށްލުމަށް ދައުލަތުން މަސަތްކަތްކުރާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ކޮންޓެންޓް ފަތުރާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކަމަށް ބުނެ އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައި ކަމަށެވެ.
"ކޮންޓެންޓް ގެނެސްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށާއި އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ." އެ ބަޔާނުގައި ވެއެވެ.
ވަގުތުން ގެނެސްދޭ އިވެންޓްތައް ލައިވް ކުރުމުގައި، އަބުރުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއި ތަޢާރުޒުވާ ކޮންޓެންޓް ހިމެނިއްޖެނަމަ، އެ އިވެންޓެއްގެ ބްރޯޑްކާސްޓިން ވަގުތުން މެދުކަނޑާލުމަށް އެންގުމުގެ އިޚްތިޔާރު ބްރޯޑްކޮމަށް ލިބިގެންވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.