މަތީ ތައުލީމަށްފަހު ވަޒީފާއެއް ހޯދަން މަސައްކަތްކުރާއިރު ވިސްނަންވީ ފަސޭހައިން ލިބޭނެ ވަޒީފާއެއް ހޯދަން ކަމަށް ނައިބް ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ކިޔަވައިގެން ނުކުމެ ބޭނުންވާ ވަޒީފާ ނުލިބޭނަމަ ވަޒީފާއަށް ނުގޮސް ތިބުމަކީ ދެރަ ކަމެއް ކަމަށެވެ.

ރާއްޖެއަށް އަންނަމުންދާ ތަރައްގީގެ މަސައްކަތްތަކާއެކު ވަޒީފާތައް އިތުރުވެގެން އަންނައިރު ވަޒީފާ ހޯދުމަކީ ދަތިކަމަކަށް ނުވާނެ ކަމަށާއި ނަމަވެސް ބޭނުންވާ މަގާމުގެ ވަޒީފާއެއް ނުލިބިދާނެ ކަމަށް ވިދާޅުވިއެވެ.

"ސަނަދާއެކީގައި ވަޒީފާ ހޯއްދަވަން މަސައްކަތްކުރާއިރު އަބަދުވެސް ވިސްނަން ޖެހޭނީ އެންމެ ފަސޭހައިން ލިބޭނެ ވަޒީފާއަށް. އެ ވަޒީފާގައި ހުރެގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރާނީ. އެހެން ވަޒީފާއެއް ލިބޭތޯ ވެސް މަސައްކަތް ކުރާނީ،" ނައިބް ރައީސް ޖިހާދު ވިދާޅުވިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ތެރޭގައި ދަސްވެނިވާ ބައެއް ދަރިވަރުން --- ފޮޓޯ/ އެމްއެންޔޫ

ވަޒީފާއެއް ލިބުމަށްފަހު އެ ވަޒީފާއާމެދު ހިތްހަމަނުޖެހިގެން ނުވަތަ ވަކިކުރާތަން ވަރަށް ގިނައިން ފެންނަކަން ފާހަގަކޮށް ނައިބް ވިދާޅުވީ، ވަޒީފާގައި އުޅޭއިރު ކެތްކުރަންޖެހޭ މިންވަރު އިތުރު ކުރަންޖެހޭ ކަމަށެވެ.

އަދި މަތީ ތައުލީމް ހާސިލްކޮށް ލިބޭ ސެޓްފިކެޓާއެކު އަހުލާގާއި ތަރުބިއްޔަތަކީ ވެސް މުހިއްމު އެއްޗެއް ކަމަށާއި ހާއްސަކޮށް ގައުމީ ޔުނިވާސިޓީން ދަސްވެނިވެގެން ނުކުންނަ ދަރިވަރުންނަކީ މުޖުތަމައުއަށް ނަމޫނާ ދައްކައިގެން މީހުންނަށް ކަންތައްތައް އޮޅުން ފިލުވައިދޭނެ ބަޔަކަށް ވާންޖެހޭ ކަމަށް ވިދާޅުވިއެވެ.

ނައިބް ރައީސްގެ ރޭގެ ވާހަކަފުޅުގައި ދޮށީ އުމުރުގެ މީހުންނާއި ތުއްތު ކުދިންނަށް އިހްތިރާމް ކުރުމަށް އެދިވަޑައިގެންނެވިއެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ވަރި ގިނަވުމުގެ ބޮޑު މައްސަލައަށް އިޝާރާތް ކުރެއްވިއެވެ.

އެގޮތުން ނައިބް ރައީސް ވިދާޅުވީ، ލޯބިވެގެން ދެ މީހަކު ކައިވެނި ކުރާއިރު ދެމަފިރިން ވަކިވާންޖެހޭ އެންމެ ބޮޑު ސަބަބަކީ އިތުބާރު ގެއްލުންކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ މުހިއްމު މި މައްސަލަ ހައްލުކޮށް ވަރި މަދު ކުރެވޭނެ ގޮތަކަށް ޒުވާނުން ވިސަނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގައި ސެޓްފިކެޓް ހާސިލްކުރި ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކުރަނީ --- ފޮޓޯ/ އެމްއެންޔޫ

"ބައެއް މީހުންނަށް މިއީ ސަމާސާއަކަށް ވެދާނެ. ނަމަވެސް މިއީ (ވަރި ގިނަވުމުގެ މައްސަލަ) ވަރަށް ސީރިއަސް އިޝޫއެއް. ގައުމީ ޔުނިވާސިޓީން ދިރާސާކުރަން ޓޮޕިކެއްގެ ތެރޭގައި ހިމަނަން ފެނޭ. ހައްލެއް ފެނޭތޯ މަސައްކަތް ވެސް ކުރަންޖެހޭ،" ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސް ޖިހާދު ވިދާޅުވީ، ރާއްޖޭން ބައެއް ކަންތައްތަކުގައި އެހެން ގައުމުތަކުން މިސާލު ނަގަންޖެހޭ ކަމަށެވެ. އެގޮތުން ޗައިނާ ގައި ކުރިން އޮތް "ވަން ޗައިލްޑް ޕޮލިސީ"ނުވަތަ ކޮންމެ ދެ މަފިރިއަކަށް އެއް ކުއްޖަކު ހޯދޭނެ ގޮތަށް އޮންނަ އުސޫލަށް އިޝާރާޓްކުރެއްވި އެވެ.

އެ ސިޔާސަތުގެ ސަބަބުން ޗައިނާއަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކޮށް ނައިބް ވިދާޅުވީ، ދެމަފިރިއަކު ހޯދާ ކުއްޖަކަށް އެކަށީގެންވާ ހޭދައަކާއި ވަގުތު ދިނުމުން އުފެއްދުންތެރި މުޖުތަމައުއަށް ފައިދާ ކުރުވާނެ ކުއްޖަކަށް އެ ކުއްޖާ ވެގެންދާ ކަމަށެވެ.