ދިވެހި ޕްރިމިއާ ލީގުގައި މިރޭ އއ. މާޅޮހާ ދެކޮޅަށް ކުޅުނު މެޗުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.

ގައުމީ ދަނޑުގައި ކުޅުނު އެ މެޗު، ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ނިއުރޭޑިއަންޓުން ލަނޑެއް ޖަހައި ކުރި ހޯދީ މެޗުގެ 28 ވަނަ މިނެޓުގައެވެ. އެ ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ ޕްރިމިއާ ލީގުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)އެވެ.

ނިއުއަށް ދަގަނޑޭ ލީޑު ހޯދައިދިންތާ ގާތް ގަނޑަކަށް މިނެޓެއް ފަހުން ނިއުއިން ވަނީ އިތުރަށް ފަރަގު ބޮޑު ކޮށްފައެވެ. އެ ލަނޑު ނިއުއަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ)އެވެ.

ނިއުއިން ވަނީ މެޗުގައި އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އަލީ އަޝްފާގު (ދަގަނޑޭ)އެވެ. އެއީ ލީގުގައި ދަގަނޑޭ ޖެހި ހަތަރުވަނަ ލަނޑެވެ.

އެ ނަތީޖާއާއެކު ނިއު ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ނިއުއާއި ތިންވަނާގައި އޮތް ކްލަބު ގްރީން ސްޓްރީޓްސްއަށް ވެސް ހަތަރު މެޗުން ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. ނިއުއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތާވަލުގެ އެއްވަނާގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ހަތަރު މެޗުން ލިބިފައިވަނީ ދިހަ ޕޮއިންޓެވެ.