24 Aug 2017, 22:00
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯޓު ތެރެއަށް ވެއްޓި ހޮސްޕިޓަލަށް ގެންދިޔަ ފަހުން، ގާސިމްގެ ޣައިރު ހާޒިރުގައި އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުން މަސައްކަތްކުރި ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެއްޖެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އޮތީ ގާސިމްގެ ފަރާތުން ހެކިތަކާ ގުޅޭ ގޮތުން ވާހަކަދެއްކުމާއި ޚުލާސާ ބަޔާން ހުށަހެޅުމެވެ. ނަމަވެސް އަނބުރައިގަނެގެން ވެއްޓުމާއެކު ޝަރީއަތް މެދުކަނޑާލިއެވެ.
މިއަދުގެ ޝަރީއަތް ހިނގައިދިޔަ ގޮސް ބަޔާންކޮށް ގާސިމްގެ ގާނޫނީ ވަކީލުންގެ ފަރާތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގާސިމް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެ ގާނޫނީ ވަކީލުން ކޯޓުގައި މަޑުކުރުމަށް އަންގައި ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށް ކޯޓުން މިއަދު ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ގާސިމްގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމަށް އިއުތިރާޒްކޮށް، އޭނާ ހާޒިރުނުވާ ޝަރީއަތެއްގެ މަޖިލީހަކަށް ވަނުމަށް އުޒުރުވެފައިވި ކަމަށް ބުނެފައިވެއެވެ. މިއަދު ހިނގައިދިޔަ ކަންތަކާމެދު ކަންބޮޑުވެ ހިތާމަކުރާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"ޣައިރުހާޒިރުގައި މީހެއްގެ މައްޗަށް ޖިނާއީ މައްސަލައެއްގެ ޝަރީއަތް ހިންގުމަކީ، ގާނޫނުއަސާސީއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުއާ ކަނޑައެޅިގެން ހިލާފުކަމެކެވެ. އަޅުނގަޑުމެންނަށް ކޯޓުން ނުކުތުމުގެ ހުއްދަ ލިބުނީ 16:04 އެހައިކަންހާއިރުއެވެ.،" ގާސިމްގެ ގާނޫނީ ވަކީލުން ނެރުނު ނޫށް ބަޔާނުގައި ބުނެފައިވެއެވެ.
ދެން އެ މައްސަލާގެ އަޑުއެހުން ބާއްވާނެ ދުވަހެއް ސާފެއް ނުވެ އެވެ.
ގާސިމަށް ދިމާވެފައިވާ ސިއްހީ ހާލަތުގެ ނާޒުކުކަމާމެދު އިންސާފުވެރިކަމާއި އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައިދެއްވުމަށް ކްރިމިނަލް ކޯޓާއި ހައިކޯޓާއި ސުޕްރީމް ކޯޓުގެ އިތުރުން ކަމާބެހޭ މުއައްސަސާތަކަށް ވަކީލުން ވަނީ އިލްތިމާސް ކުރައްވާފައިވެއެވެ.
ގާސިމްގެ މައްޗަށް ރިޝްވަތުދިނުމަށް ހުށަހެޅުމުގެ ދައުވާ އުފުލީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅުވަޑައިގެންނެވި މެމްބަރުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގެ ޓިކެޓް ދިނުމުގެ އިތުރުން އެހެނިހެން ގޮތް ގޮތުން ވެސް އެހީތެރިވާނެ ކަމަށް ޖަލްސާއެއްގައި ވިދާޅުވެފައިވާތީއެވެ.
ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އޭނާ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދަން އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. ރާއްޖެއިން ބޭސްފަރުވާ ނުދީފިނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވެސް ޑޮކްޓަރު ދިން ލިޔުމުގައިވެއެވެ.