25 Jul 2011, 10:52
ސީޕްރިއާ ޓްރަވަލްސްގެ ފައިސާތަކެއް ޖަމާކުރަން މިއަދު ބޭންކަށް ދިޔަ މީހަކަށް ދަނގަޑުބުރިއަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
މިއަދު ހެނދުނު 10.15 އެހާކަންހާއިރު ހިންގި އެ މާރާމާރީގެ މަންޒަރު ދުށް މީހަކު ސަން އަށް މައުލޫމާތު ދެމުން ބުނީ ސީޕްރިއާ އިން ބޭންކަށް ފައިސާ ޖަމާކުރަން ދިޔަ، އެ ތަނުގެ އެކައުންޓްސް ކްލާކް އަލީ ޔާސިރު،30، އެޗްއެސްބީސީގެ ހުޅަނގުން އޮންނަ ގޯޅިއާ އަރައި ހަމަވި ވަގުތު އެގޯޅިން ސައިކަލެއްގައި ނުކުތް ދެ މީހަކު އޭނާގެ ބޮލުގައި ދަނގަނޑުބުރިއަކުން ޖެހި ކަމަށެވެ. އަދި އޭނާ ވެއްޓުމުން އޭނާގެ އަތުގައި އޮތް ދަބަސް އަތުލަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ޔާސިރު ތެދުވެގެން ދުވެފައި ގޮސް އެޗްއެސްބީސީ އަށް ވަނީ ކަމަށެވެ.
"އެ ދެ މީހުން ކުއްލިއަކަށް ސައިކަލުގައި ނުކުތީ ދަބަސް ހިފައިގެން އައި ކުއްޖާގެ ކުރިމައްޗަށް. އޭނާ ސައިކަލް މަޑުކޮށްލި ވަގުތު ދަނގަޑު ބުރިން ނިތްމަތީގައި ޖެހީ. އޭނާގެ ކަނާތު ބުމަ ކައިރިން ހުރި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި. އެދެ މީހުން ގެންގުޅުނު ދަނގަޑުބުރި ނެގީ އެމީހުން ގެންގުޅުން ކުޑައިގެ ތެރެއިން،" ސަން އަށް މައުލޫމާތި ދިން މީހާ ބުންޏެވެ.
ޒަހަމްވި ޒުވާނާ އަށް މިހާރު ދަނީ އޭޑީކޭގައި ފަރުވާދެމުންނެވެ. އޭނާގެ ހާލަތު އެހާ ސީރިއަސް ނޫން ކަމަށް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ބޭންކަށް ފައިސާ ޖަމާކުރަން ދަނިކޮށް ޒަހަމުކޮށްލީ ބިދޭސީއެއް ކަމަށް ކުރިން ރިޕޯޓްކުރެވިފައި ވަނީ ފުލުހުން އެގޮތަށް ބުނުމުންނެވެ.