25 Aug 2017, 08:50
ތައިލެންޑުގެ މަޝްހޫރު ހޮޓެލްސް ކުންފުނި، މައިނާ ހޮޓެލް ގްރޫޕް އިން ބ. ފަރެހުގައި މަތީ ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފިއެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބޭރުގެ ނޫހެއް ކަމަށްވާ ޓްރެވަލްޑެއިލީ ނޫހުން ބުނީ، "އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް"ގެ ނަމުގައި ތަރައްގީ ކުރާ އެ ރިސޯޓަކީ މައިނާ ހޮޓެލްސް އާއި ސީޕްރީއާ ގްރޫޕާއެކު ޖޮއިންޓްޗެންޗާ އެއްބަސްވުމެއްގެ ދަށުން 70 މިލިއަން އެމެރިކާ ޑޮލަރު (އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ) ހަރަދުކޮށްގެން ތަރައްގީ ކުރާ ރިސޯޓެއް ކަމަށެވެ.
ދަރަވަންދޫ އެއާޕޯޓުން ސްޕީޑްބޯޓެއްގައި 30 މިނެޓުން އަދި މާލެއިން ސީ ޕްލޭންގައި 45 މިނެޓުން ދެވޭ 12.4 ހެކްޓަރުގެ ފަރެހަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވިއްކާލަން ހުށަހެޅި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއްގައި ވިއްކާލަން ނިންމި ރަށެކެވެ.
އެ ރިސޯޓް ވިއްކާލަން އޭރު ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ، 6.7 މިލިއަން ޑޮލަރު (103.3 މިލިއަން ރުފިޔާ) އަށެވެ. ނަމަވެސް އެ ރިސޯޓް ވިއްކާލާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ނުބުނެއެވެ.
އަވާނީ ހޮޓެލްސްގެ ގްރޫޕް ޑިރެކްޓަރު އަލެޖެންދްރޯ ބާނަބޭއާ ހަވާލާދީ ނޫހުގައި ބުނެފައިވަނީ، ސްޓޭންޑަޑް ކޮޓަރިތަކާއި ވިލާސްތައް ހިމެނޭ ގޮތަށް ފަރެހުގައި 200 ކޮޓަރި ހިމެނޭނެ ކަމަށެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ އެ ކޮޓަރިތަކުގެ އިތުރުން ބޮޑު ސްވިމިން ޕޫލްއަކާއި ހާއްސަ ރެސްޓޯރެންޓަކާއެކު ދެ ރެސްޓޯރެންޓާއި "އަވާނީ ސްޕާ" އަދި "އަވާނީ ކިޑްސް ކުލަބް"އެއް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ.
އަވާނީ ބްރޭންޑްގެ ދަށުން އިންޑިއާ ކަނޑުގައި މިހާރު ވެސް ތިން ރިސޯޓެއް ދަނީ ހިންގަމުންނެވެ.
އެގޮތުން ސްރީ ލަންކާގައި ދެ ރިސޯޓެއް އަދި ސީޝެލްސްގައި ރިސޯޓެއް ހިންގަމުންދާއިރު، އަވާނީ ބްރޭންޑުގެ ދަށުން ފަރެސްގައި ތަރައްގީކުރާ ރިސޯޓް ހުޅުވާނީ 2019 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައެވެ.