24 Aug 2017, 20:25
އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްވިޑަން ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗް އަލުން މެންޗެސްޓާ ޔުނައިޓެޑާ ގުޅިއްޖެއެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އެންޑާލެހްޓްއާ ދެކޮޅަށް ކުޅުނު މެޗުގައި އިބްރަހިމޮވިޗަށް ލިބުނު އަނިޔާގެ ކުރިން އޭނާ ވަނީ ޔުނައިޓެޑަށް 46 މެޗު ކުޅެފައިވެއެވެ.
އުމުރުން 35 އަހަރުގެ ފޯވަޑް އިބްރަހިމޮވިޗް، ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، 28 ލަނޑު ކާމިޔާބުކޮށްދީފައެވެ. ޔުނައިޓެޑާއެކު އިބްރަހިމޮވިޗް މިދިޔަ ސީޒަނުގައި ހެދި ކޮންޓްރެކްޓް ނިމުމަކަށް އައިސްފައިވަނީ އޭނާގެ ކުރިމަގާ މެދު ގޮތެއް ނިންމާފައި ނުވަނިކޮށެވެ.
އިބްރަހިމޮވިޗް އަލުން ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޔުނައިޓެޑާ ގުޅިފައި މިވަނީ އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގެ ޓީމަކާ ގުޅެން އުޅޭ ކަމަށް ބުނެ ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ.
މިފަހަރު ޔުނައިޓެޑްގައި އިބްރަހިމޮވިޗް ބޭނުންކުރާނީ 13 އަހަރު ވަންދެން އެ ކްލަބަށް ކުޅުމަށްފަހު މި ސީޒަނުގައި އެވަޓަންއާ ގުޅުނު ވޭން ރޫނީ، ޔުނައިޓެޑްގައި ބޭނުންކުރި ދިހަ ނަންބަރުގެ ޖާޒީއެވެ. މިދިޔަ ސީޒަނުގައި އޭނާ ބޭނުން ކުރި ނުވަ ނަންބަރުގެ ޖާޒީގައި މިހާރު ކުޅެމުންދަނީ މި ސީޒަނުގައި އެވަޓަނުން ޔުނައިޓެޑާ ގުޅުނު ބެލްޖިއަމް ފޯވަޑް ރޮމެލޫ ލުކާކޫއެވެ.
ޔުނައިޓެޑާ ގުޅުމަށްފަހު ހަތަރު ގައުމެއްގެ ލީގުތަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިބްރަހިމޮވިޗް ބުނީ، އޭނާ އަލުން ޔުނައިޓެޑާ ގުޅުނީ އޭނާ ފެށި ކަންތައްތަކެއް ނިންމުމަށް ކަމަށާއި އެ ކްލަބުގައި މަޑުކުރަން ބޭނުންވެފައި ހުރި ކަމަށެވެ.
"އެނބުރި އޯލްޑް ޓްރެފަޑް ދަނޑަށް ނުކުންނަން އަހަރެން މިހުރީ ކެތްމަދުވެފައި. އެކަމަކު ނުކުންނަން ޖެހޭނީ ފުރިހަމައަށް ތައްޔާރުވެގެން، އެކަމަށް ވަގުތު ދީގެންކަން އަހަރެންނަށް އެނގޭ. އަހަރެން ވަރަށް ބުރަ މަސައްކަތް ކުރަން. އަދި އެނބުރި ދަނޑަށް ނުކުމެވޭ ވަރަށް ފުރިހަމައަށް ތައްޔާރުވާން މަސައްކަތް ކުރާނަން،" ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ކުރިން އިބްރަހިމޮވިޗް ގޮތެއް ނިންމާފައި ނުވުމުން އޭނާގެ ބަދަލުގައި ޔުނައިޓެޑަށް ގެނައި ލުކާކޫ ވެސް ދަނީ އެ ކްލަބުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި ޔުނައިޓެޑް ކުޅުނު ތިން މެޗުން ލުކާކޫ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.