އައިޖީއެމްއެޗްގައި މިވަގުތު ފަރުވާ ދެމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހާލު މިވަގުތު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ގާސިމް އިބްރާހިމް އަނބުރައިގަނެގެން ކޯޓު ތެރެއަށް ވެއްޓުމުން، މިއަދު މެންދުރުފަހުން ފެށިގެން އޭނާ ގެންދަވަނީ އައިޖީއެމްއެޗުން ފަރުވާ ހޯއްދަވަމުންނެވެ.

ގާސިމްގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ގާސިމް އެ ހޮސްޕިޓަލަށް ގެނެވިފައި ވަނީ ހިތުގެ ވިންދު އަވަސްވުމުގެ ސަބަބުން އަނބުރައިގަނެގެން ކަމަށެވެ.

"އެމަނިކުފާނުގެ ހާލުކޮޅު މިވަގުތު ރަނގަޅު ކަމަށާއި އަދި އޮބްޒަވޭޝަންއަށް އެޑްމިޓްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ،" ގާސިމްގެ ބަލިހާލަތު އާއްމުންނަށް އެންގުމުގެ ގޮތުން ޓްވީޓް މެދުވެރިކޮށް އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އައިޖީއެމްއެޗުން އެގޮތަށް ބުނެ ބަޔާނެއްގައި ނެރެފައިވާއިރު، ގާސިމަށް ފަރުވާ ލަސްވެއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެތީވެ، އިތުރު ފަރުވާ ދިނުމަށް ވީ އެންމެ އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދިއުމަށް އެ ހޮސްޕިޓަލުން ވަނީ ލަފާ ދީފައެވެ.

އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގު ސޮއިކުރެއްވާ ނެރުނު އެ ލިޔުމުގައި ބުނެފައިވަނީ، ގާސިމަށް ބޭނުންވާ ފަރުވާ އައިޖީއެމްއެޗުން ދެވެން ނެތް ކަމަށެވެ.

ގާސިމަށް މިވަގުތު އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ގެންދާއިރު އޭނާގެ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އައިޖީއެމްއެޗުންނާއި އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން މެޑިކާ ހޮސްޕިޓަލުން ވެސް މީގެ ކުރިން ބުނެފައެވެ.