24 Aug 2017, 18:07
ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އާ އިމާރާތުގެ 25 ބުރިއާ ހަމައަށް ކޮންކްރީޓް އަޅައި ނިންމާލައިފިއެވެ.
މިދިއަ ހަރުގެ މާޗު މަހުގެ ތެރޭގައި ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓަރަކްޝަންއާ ހަވާލު ކޮށްގެން އައިޖީއެމްއެޗްގެ ދެކުނަށް އޮންނަ ބިމުގައި އަޅާ އެ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތުގެ ބިންގާ އެޅީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.
ޖުމްލަ 140 މިލިއަން ޑޮލަރު (2.1 ބިލިއަން ދިވެހި ރުފިޔާ) ހަރަދުކޮށްގެން ހަދާ އެ އިމާރާތް ނިންމަން ކަނޑައަޅާފައިވަނީ އަންނަ އަހަރަށެވެ.
އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު މައުސޫމް މިއަދު 'ސަނ'ް އަށް ވިދާޅުވީ، ހޮސްޕިޓަލުގެ 25 ވަނަ ބުރިއާ ހަމައަށް ކޮންކްރީޓް އަޅާ ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ އެތެރޭގެ މަސައްކަތްތައް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، 19 ބުރިއެއްގެ ތެރޭގައި ފެނާއި ކަރަންޓުގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ހޮޅިތައް އަޅައި ނިމިފައިވާއިރު ގާތްގަނޑަކަށް 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް ނިމުމުން އެތަން ވެގެންދާނީ 500 އެނދުގެ ޒަމާނީ ސްޕެޝަލިސްޓް ހޮސްޕިޓަލަކަށެވެ. ނޭޝަނަލް ޑައިގްނޯސްޓިކް ފެސިލިޓީއަށް ހަ ބުރިއެއް ހާއްސަކޮށްފައިވާ އައިޖީއެމްއެޗްގެ އާ އިމާރާތް ނިމުމުން އެތަނުން ޑޮކްޓަރަށް ދެއްކުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ތަޙުލީލުތަކެއް ވެސް ކުރެވިގެންދާނެ އެވެ.
އޭގެ އިތުރުން ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނޭ އިރު އިމާރާތުގެ ފަސް ފަންގިފިލާއެއް ހާއްސަކޮށްފައި ވަނީ ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސުމަށް ކަމަށް އައިޖީއެމްއެޗް އިން ކުރިން ބުނެ އެވެ.