ލ. ކުނަހަންދުއަށް ދިޔަ އެ އަތޮޅު މާމެންދޫ ބަޔަކާއި ކުނަހަންދޫ ބަޔަކާ ދެމެދު އިއްޔެ ހިނގި މާރާމާރީ އާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އިއްޔެގެ މާރާމާރީއާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ތިން މީހުންނަކީ ކޮން ރަށެއްގެ ބައެއް ކަމެއް ފުލުހުންގެ އޮފިޝަލު ހާމަ އެއް ނުކުރެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ މާމެންދޫ ތިން މީހެކެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރޭ އެންމެފަހުން މާމެންދޫގައި ބަޔަކު ކަނޑި އާއި ކަތިވަޅިން ޒުވާނަކަށް ހަމަލަދިން މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި މީހަކު ވެސް ހިމެނެ އެވެ.

ކުނަހަންދުއާ މާމެންދުއާ ދެމެދުގައި އިއްޔެ ހަވީރު ކުޅެން ހަމަޖެހިފައި އޮތް ފުޓުބޯޅަ މެޗެއް ފެށުމެގެ ކުރިން ކުނަހަންދޫގައި ހިންގި މާރާމާރީ ގައި ޒަޚަމްވެފައި ވަނީ ކުނަހަންދޫ ދުންފިނިގޭ މުހައްމަދު އިދުރީހެވެ.
މާރަމާރީގެ ހަމަލަތަކުގައި އިދުރީސްގެ ބޮލުގައި ދަގަނޑު ބުރިއަކުން ޖެހުމުގެ ސަބަބުން އޭނާގެ ބޮލަށާއި ކަންފަތަށް ސީރިއަސް ޒަޚަމްތަކެއް ލިބި ހޭނެތިފައި އޮތުމަށް ފަހު ހޭއެރީ އިއްޔެ އިރުއޮއްސުނު އިރު އެވެ.

ކުނަހަންދޫ ކައުންސިލް އިދާރާގެ މީޑިއާ ކޯޑިނޭޓާ ލިރުޣާމް ސައީދު )ލަރޭ( މިއަދު ވިދަޅުވީ އިދުރީހަށް ކުނަހަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ޓެސްޓުތައް ހަދަން އެއަތޮޅު ގަމަށް ފޮނުވައިލަން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މަޝްހޫރު ފުޓްބޯޅަ ކޯޗް، ލަރޭ ވިދާޅުވީ އިއްޔެގެ މާރާމާރީ އަކީ މިދިޔަ އަހަރު އެ ރަށުގައި ހިނގި މާރާމާރީއަކާ ގުޅުން ހުރި މާރާމާރީ އެއް ކަމަށް ބެލެވޭ ކަމަށެވެ.