24 Aug 2017, 16:14
މުޅި ރާއްޖޭގެ ފެނާއި ނަރުދަމާގެ ގައުމީ ސިޔާސަތު ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
ޗަންޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ސިޔާސަތު އިފްތިތާހު ކޮށްދެއްވީ އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު ތާރިގް އިބްރާހީމެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ފެނާއި ނަރުދަމާގެ ގައުމީ ސިޔާސަތުގެ އެންމެ ބޮޑު މަގުސަދަކީ ރައްކާތެރި ފެނާއި އެކަށީގެންވާ ނަރުދަމާގެ ހިދުމަތް އެންމެހާ ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމާއި ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރުމުގައި ތިމާވެއްޓާއި ރަށްޓެހި، ހަރަދުކުޑަ ޓެކްނޮލޮޖީއެއް ބޭނުންކުރުމާއި ފެނާއި ނަރުދަމާގެ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުން ކަމަށެވެ.
އެއާ އެކު އެ ދާއިރާ ތަރައްގީ ކުރުމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމަށް ތަހުޒީބު ދިނުމާއި ފެނާއި ނަރުދަމާގެ ދާއިރާއާ ގުޅުން ހުރި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އެ ދާއިރާއާ ގުޅުން ހުރި ދިރާސާތަކަށް މަގުފަހިކޮށްދިނުމާއި އަދި ފެނުގެ ވަސީލަތްތައް ރައްކާތްތެރިކޮށް ހިމާޔަތްކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރަކީ ފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަރަށް މަސައްކަތް ކުރާ ސަރުކާރެއް ކަމަށާއި ވޭތުވެ ދިޔަ ތިން އަހަރު ސަރުކާރުން 17 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރެވި 18 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރައްވާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ތޯރިގް ވިދާޅުވީ ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ފަސް އަހަރު އަންނަ އަހަރު ހަމަވާ އިރު ރާއްޖޭގައި ނަރުދަމާގެ ނިޒާމް ގާއިމުކޮށްފައިވާ ރަށްތަކުގެ ޖުމުލަ އަދަދު 49 އަކަށް އިތުރުވެގެންދާނެ ކަމަށާއި ފެނުގެ ނިޒާމު ގާއިމުކުރެވިފައިވާ ރަށްތަކުގެ ޖުމުލަ އަދަދު 23 އަށް އިތުރުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފެނާއި ނަރުދަމާގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މެދުނުކެނޑި ސާފުބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައި ކަމަށެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ، ރައީސް ޔާމީންގެ އަމާޒަކީ އެމަނިކުފާނުގެ ފުރަތަމަ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 75 ޕަސެންޓް މީހުންނަށް ނަރުދަމާ އަދި ފެނުގެ ނިޒާމުގެ ޚިދުމަތް ގާއިމުކޮށްދެއްވުން ކަމަށެވެ.
އެކަންތައް ކުރައްވަމުން ގެންދަވަނީ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބިގެން ކަމަށާއި ސަރުކާރުގެ އެހީ އާއި ލޯނު އެހީގެ އިތުރުން ހިލޭ އެހީއާ އެކު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.