25 Aug 2017, 11:27
ހދ. ކުޅުދުއްފުށި ރިހިވެލި ނައުމާ މުހައްމަދު (18 އ) އަކީ ކުޅުދުއްފުށީ ރައްޔިތުންނަށް ނުލާހިކު ދެކެފަރިތަ ގާތް މޫނެކެވެ. ހުރިހާ އެންމެންނަށް ވެސް އެހާމެ ރަހްމަތްތެރި ވަރަށް ހިތްހެޔޮ ކުއްޖެކެވެ. ރަށުގެ އެންމެންވެސް ދަންނަ އެހީތެރި ޒުވާނެކެވެ. ހިތްހެޔޮ، އަބަދުވެސް ހިނިތުންވުމެއްގައި ހުންނަ ހުނަރުވެރިއެކެވެ. އޭގެ އިތުރުން ނައުމާ އަކީ ރަށުގައި ކުޅިވަރެއް ކުޅޭ ނަމަ އަމިއްލައަށް އިސްނަގައިގެން އެ ކުޅިވަރެއްގައި ބައިވެރިވެ، ވޮލެންޓިއަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށް މީހުންގެ ލޯބި ލިބިފައިވާ ކުއްޖެކެވެ.
އާއިލާގައި އެއްބަނޑު ފަސް މީހުން ތިބިއިރު ނައުމާ އަކީ އެ އާޢިލާގެ އެންމެ ހަގު ކުއްޖާއެވެ. ވަރަށް ވެސް މަސައްކަތްތެރި، ކުޅުދުއްފުށި ރައްޔިތުންނާ ގުޅޭ ކުއްޖެކެވެ. ނައުމާ ވަނީ ގާރީ ކޯހުގެ އެއްވަނަ ލެވެލް ފުރިހަމަ ކޮށް ދެވަނަ ލެވެލް ފަށައިފައެވެ. ނަމަވެސް މިޔަދު މިވަނީ ނައުމާގެ ހަޔާތް މުޅިން ބަނަވެފައެވެ. ކަޅު ބޯ ވިލާތަކުން އުދަރެސް ނޭނގޭ ވަރަށް އަނދިރި ވެފައެވެ. އެންމެންގެ ކުރިމަތީގައި ވެސް ހިނިތުންވުން ދެއްކި ނައުމާގެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އެވެ. ނައުމާ ވަނީ ލޭގެ ކެންސަރު (ލުކޭމިއާ) ޕޮޒިޓިވް ވެފައެވެ.
"ދެތިން މަސްވެއްޖެ ހުން އަންނަތާ. އަބަދުވެސް ޑޮކްޓަރަށް ދައްކާ. އެކަމު އެއްވެސް ޓެސްޓެއް ނުހަދާ ބޭސް ތައް ދީފަ ދޫކޮށްލަނީ. ލޭގެ ޓެސްޓެއްވެސް އޭރަކު ނުހަދާ،" ނައުމާގެ ހާލަތާއި ގުޅޭ ގޮތުން " ސަން ކުލުނާ " ވާހަކަ ދައްކަމުން އޭނާގެ އެއްބަނޑު ދައްތަ ސަމާ މުހައްމަދު ބުންޏެވެ.

ހދ. ކުޅުދުއްފުށި ރިހިވެލި ނައުމާ މުހައްމަދު--
ބަރާބަރަށް ބޭސްކައި ހެދި ނަމަވެސް ހުން ނުފިލާތީ ފަހުން ފަހުން ހަފްތާއަކު ދެފަހަރު ކަހަލަ ގޮތަކަށް ދައްކަމުން ދިޔުމުން ކުރިން އެ ހޮސްޕިޓަލުން ވަނީ ނައުމާގެ ތައިރޮއިޑް ޓެސްޓެއްވެސް ހަދައިފައެވެ. ނައުމާގެ ދައްތަ އިތުރުރަށް ވާހަކަދައްކަމުން ބުނީ ނައުމާއަށް ލޭގެ ކެންސަރު ޖެހިފައިވާކަމަށް ޝައްކު ކުރެވުނީ 19 އޯގަސްޓް ވީ ހޮނިހިރު ދުވަހު މާ ބޮޑަށް ހާލު ދެރަވެ، ހޮސްފިޓަލުގައި އެޑްމިޓް ކުރުމުން ކަމަށެވެ.
ނަމަވެސް އެ ހޮސްޕިޓަލަކީ ސީދާ ކެންސަރު ބައްޔަށް ޓެސްޓު ނުކުރެވޭ ހޮސްޕިޓަލަކަށް ވުމުން ނައުމާގެ ބޭބެއަށް ލަފާދެއްވީ ވީ އެންމެ އަވަހަކަށް މާލެ ގެންގޮސް ޓެސްޓް ކުރުމަށް ކަމަށް ވެސް ސަމާ ބުންޏެވެ. މާލެ ގެންގޮސް ޓެސްޓު ހެދުމުން ލޭގެ ކެންސަރު ކަން ކަށަވަރުވިއެވެ.
މިހާހިސާބުން އާއިލާ އެންމެން ހިތްދަތި ކަމެއްގައި ކަސްތަޅު އެޅުނީއެވެ. ނައުމާގެ އުމުރުން އެންމެ އަށް އަހަރުގައި ބައްޕަ ނިޔާވެފައިވާއިރު، ވޭތުވެދިޔަ 10 ވަރަކަށް އަހަރު ދުވަހު ބުރަ މަސައްކަތުންނާއި އަދި އެކަނިވެރި މައިންނަށް ލިބެމުންދާ ރުފިޔާއިން ނައުމާއަށް ހަރަދުކުރަމުންދިޔަ މަންމަގެ ހިތަށް ކޮށްލާނެ އަސަރު ވިސްނާލާށެވެ. މާތް ﷲގެ އިރާދަފުޅުން އާއިލާގެ ގިނަ މީހުން ދަނީ ވަޒީފާ އަދާކުރަމުންނެވެ.
ނައުމާގެ ބައްޔަށް ބޭސްކުރުމަށް އާސަންދަ ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިއަދު އެވަނީ އާއިލާގެ އެންމެންގެ ވެސް އަތްމަތި ދަތިވެ އެހެންމީހުންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. ކެންސަރު ބައްޔަކީ ރާއްޖޭން ފަރުވާ ނުކުރެވޭ ބައްޔަކަށް ވުމުން ނައުމާއަށް ފަރުވާ ދިނުމަށް މިއަދު ވަނީ އަވައްޓެރި އިންޑިއާއަށް ފުރައިފައެވެ.
ކުރިން ބެންގަލޫރުގެ މަނިޕާލަ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ހަމަޖެހިފައިވީނަމަވެސް މިހާރު ހަމަޖެހިފައިވަނީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް ދިއުމަށެވެ. ނަމަވެސް އަދި ތިބުމާއި ކެއުމުގެ އިންތިޒާމް ހަމަނުޖެހޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އިންޑިއާގައި ވަރަށް ގިނަ ދުވަހު މަޑުކުރަން ޖެހޭ ކަމަށެވެ. ސަމާ ބުނީ މިހާރުވެސް މީހުން އެހީ ވަމުންދާ ކަމަށާއި އެ ލިބެމުންދާ އެހީ ހިތުގެ އެންމެ ފުންމިނުން ގަބޫލުކޮށް ޝުކުރުވެރި ވާކަމަށެވެ.
އޭގެ އިތުރުން ނައުމާ އަކީ ކުޅުދުއްފުށީ އެންމެންގެ ވެސް އެކުވެރި މޫނަކަށް ވާތީ އެރަށުގެ ރައްޔިތުންވެސް އެހީތެރިވުމުގެ ގޮތުން ތަފާތު ކަންކަން ކުރަމުން ދާކަމަށް އޭނާ ބުންޏެވެ. އެގޮތުން އެ ރަށުގެ އެކި ތަންތަނުގައި އާއި ފިހާރަތަކުގައި ފަންޑު ފޮށި ބެހެއްޓިފައިވާއިރު އެ ރަށުގެ ރައްޔިތުން ދަނީ ހަރަކާތެއްވެސް ބާއްވަން ރާވަމުންނެވެ. އަދި މާލޭގައި ވެސް "ދަރުމަ އެދިގެން" ނަމަކަށް ކިޔާ އެންޖީއޯ އަކުން ވަނީ އަންނަ ހުކުރު ދުވަހު ފަންޑް ރެއިޒިން ހަރަކާތެއް ބާއްވަން ނިންމާފައެވެ. އަދި ނައުމާގެ ރަހުމަތްތެރިންވެސް ދަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް އެހީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ނައުމާއަށް އެހީތެރިވުމަށް
ގުޅުއްވާނީ:9908002 ނަދީމާ މުހައްމަދު (ނަޢުމާގެ ދައްތަ)
ބީއެމްއެލް އެކައުންޓް ނަމްބަރު: 7706460644001(ލަތީފާ ހަސަން) - ނަޢުމާގެ މަންމަ.
ޑޮލަރު އެކައުންޓް ނަމްބަރު 7706219199001(އަހްމަދު މުހައްމަދު) - ނަޢުމާގެ ބޭބެ
ނޯޓް:---
ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.