24 Aug 2017, 17:28
ރާއްޖޭގެ ޒުވާނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ދޭ ބައިނަލްއަގްވާމީ ފަހްރުވެރި އެވޯޑެއް، ޒުވާނުން ބާރުވެރިކުރުވުމަށް އުފައްދާފައިވާ "ރަފީ" ޖަމިއްޔާގެ ފައުންޑަރ އަދި އެޖަމިއްޔާގެ ރައީސްކަން ވެސް ކުރައްވާ އާއިޝަތު ރަފިއްޔާއަށް ލިބިއްޖެއެވެ.
މިއީ އިންޓަނޭޝަނަލް ޔޫތް ކޮމިޓީ (އައިވައިސީ) އިން ދެމުން ގެންދާ "ގްލޯބަލް ޔޫތް އެވޯޑް" ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
އައިވައިސީގެ ގްލޯބަލް ޔޫތު އެވޯޑަކީ އެކި ދާއިރާތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އައު އުފެއްދުންތެރި ހިޔާލުތައް ބޭނުންކޮށް، އެކަންތައްތައް ހާސިލްކުރުމަށްފަހު ދެމެހެއްޓެނިވި ގޮތެއްގައި އެކަން ހިންގައި އަންނަން އޮތް ޖީލުތަކަށް އެމީހުންގެ ބޭނުންތައް ފުއްދުމުގެ ގާބިލްކަން އިތުރުކޮށްދިނުމަށް މަސައްކަތްކުރާ ޒުވާނުންނަށް ދެމުން ގެންދާ އެވޯޑެކެވެ.
ދެހާސް ސާދަވަނަ އަހަރުން ފެށިގެން ދޭ އެ އެވޯޑް މިހާތަނަށް ލިބިފައިވަނީ 10 ޒުވާނަކަށެވެ. އެގޮތުން 2015 ވަނަ އަހަރާ ހަމައަށް އެއް ކެޓަގަރީ އަކުން އެވޯޑް ދިން އިރު މިދިޔަ އަހަރުން ފެށިގެން ތަފާތު 10 ނޮމިނޭޝަން ކެޓަގަރީ އަކުން ދޭން ވަނީ ނިންމާފައެވެ.
އެގޮތުން ހިމެނޭ ކެޓަގަރީ ތަކުގެ ތެރޭގައި ތައުލީމާއި ތިމާވެއްޓާއި ސިއްހަތު، ޓެކްނޮލޮޖީ ފޯ ޑިވެލޮޕްމަންޓް، އަންހެނުން ބާރުވެރިކުރުވުން، ސަގާފަތާއި ތަރިކަ ފަދަ ދާއިރާތައް ހިމެނެއެވެ.
"އައިވައިސީގެ ގްލޯބަލް ޔޫތް އެވޯޑަކީ އިންޓަނޭޝަނަލީ ރެޖިސްޓާޑް އެވޯޑެއް ކަމުން އަސްލު ވަރަށް އުފާވޭ. މި އެވޯޑަކަށް އުއްމީދެއް ވެސް ނުކުރަން،" އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ ރަފިއްޔާ ސަން އަށް ވިދާޅުވިއެވެ.
ރަފިއްޔާ ވިދާޅުވީ، އޭނާއަށް އެ އެވޯޑް ލިބޭނީ އަންނަ ސެޕްޓެމްބަރު މަހު އިންޑިއާގެ ބުބަނެސްވަރު ސިޓީގައި ބާއްވާ ސައުތު އޭޝިއަން ޔޫތް ސަމިޓުގައި ކަމަށެވެ.
އަންހެނުންނާއި ޒުވާނުންގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ރަފިއްޔާއަށް ވަނީ މީގެ ކުރިން ވެސް ބައިނަލްއަގްވާމީ ގިނަ އެވޯޑްތަކެއް ހޯއްދަވާފައިވާ ނަމޫނާ ކަނބަލެކެވެ.
އެގޮތުން އީންސް ޔަންގް ލީޑާސް (ކިއުވައިއެލް)ގެ އެވޯޑް ލިބުނު ކުދީންނަށް ޔުނިވާސިޓީ އޮފް ކެބްރިޖުން ހިންގާ "ލީޑިން ޗޭންޖް" ކޯހުގެ މެންޓޯ ޕެނަލްއަށް ރަފިއްޔާ ދެ ފުރަތަމަ ހޮވިފައިވާއިރު އެ ޝަރަފް ލިބުނު ހަމައެކަނި ދިވެއްސަކީ ވެސް އެއީއެވެ.
އޭގެ އިތުރުން ރޯޔަލް އިންސްޓިޓިއުޓު އޮފް ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ ފުރަތަމަ އޮނޮރަރީ ޕްރެސިޑެންޓްކަން ރަފިއްޔާއަށް ލިބިފައިވާއިރު، ގޯލްޑަން ގްލޯބް ޓައިގާ އައުޓްސްޓޭންޑިންގް ވިމެން ލީޑަޝިޕް އެވޯޑް ހޯދި ފުރަތަމަ ދިވެއްސަކީ ވެސް ރަފިއްޔާއެވެ.
އަދި މިދިޔަ ޖުލައި މަހުގެ ތެރޭގައި އަންހެނުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް ދޭ "ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާރ ވިމެން އެވޯޑްސް"ގައި ރަފިއްޔާއަށް ވަނީ ކެރިއާ އެޗީވްމަންޓް މޯލްޑިވްސް އިން ގޯލްޑް އެވޯޑް ރަފިއްޔާއަށް ވަނީ ލިބިފައެވެ.