24 Aug 2017, 16:23
އެކަށީގެންވާ ބޯފެނުގެ ނިޒާމެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގެ ފަސް ރަށެއްގައި ބޯފެނުގެ ނިޒާމު ގާއިމުކުރުމަށް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ށ. މިލަންދޫ އާއި ރ. އުނގޫފާރުގައި ބޯފެނުގެ ނިޒާމު ގާއިމުކުރުމަށް 87 މިލިއަން ރުފިޔާއަށް ރާއްޖޭގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީއާ ހަވާލުކުރި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އަދި އެމްޑަބްލިއުއެސްސީ އިން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސާލިހް ޖަލީލެވެ.
އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާތާ 16 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ އިރު މަސައްކަތް ނިމުމުން ހުރިހާ ގޭބިސީތަކަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.
އެ ދެ ރަށުގައި ހިންގާ މަޝްރޫއުއަކީ އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް (އޮފިޑް) އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ފަންޑުކޮށްގެން ހިންގާ މަޝްރޫއެކެވެ.
މިލަންދޫ އަދި އުނގޫފާރުގައި ހިންގާ މަޝްރޫގެ ދަށުން ކުރަން ހަމަޖެހިފާއިވާ މަސައްކަތްތައް
- ށ.މިލަންދޫ – 29 ކިލޯ މީޓަރުގެ ވިއުގައަކާއި 82 ޓަނުގެ އާރުއޯ ޕްލާންޓެއް ބެހެއްޓުން
- ރ.އުނގޫފާރު – 08 ކިލޯ މީޓަރުގެ ވިއުގައަކާއި 86 ޓަނުގެ އާރުއޯ ޕްލާންޓެއް ބެހެއްޓުން
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އަދި އެހެން ތިން ރަށެއްގެ ފެނުގެ ނިޒާމް ގާއިމުކުރުމަށް ޓަކައި 15 މިލިއަން ރުފިޔާއަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސްއާ ހަވާލުކޮށްފަ އެވެ. އެ ރަށްތަކަކީ ބ.ކެންދޫ، ކ.ގާފަރު އަދި ލ. ގަމެވެ. އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ތޯރިގް ސޮއި ކުރެއްވި އިރު މޯހަން މުތާ އެކްސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އިންޖިނިއަރު ވިވެކް އެވެ.
އެ މަޝްރޫއުގެ ސޮއިކުރާތާ ހަ މަސް ދުވަސް ތެރޭ މަސައްކަތް ނިންމަން ޖެހޭއިރު މަސައްކަތް ނިމުމުން އެތިން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނަށް ޖެހުމުގެ މައްސަލައަށް ހައްލު ލިބި އެ ތިން ރަށުގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެންވާރަމަންޓް މިނިސްޓްރީއިން ބުންޏެވެ.
އެ ތިން ރަށުގައި ހިންގާ މަޝްރޫއުއަކީ އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވޮލޮޕްމަންޓް (އޮފިޑް) އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ފަންޑު ކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ބުންޏެވެ.
ކެންދޫ، ގާފަރު އަދި ގަމުގައި ހިންގާ މަޝްރޫގެ ދަށުން ކުރަން ހަމަޖެހިފާއިވާ މަސައްކަތްތައް
- ކެންދޫ އަދި ގާފަރު – އާރުއޯ ޕްލާންޓަކާއި އަދި 50 ޓަނުގެ ސްޓޯރޭޖް ޓޭންކެއް ކޮންމެ ރަށެއްގައި ބެހެއްޓުން
- ގަން -- އާރުއޯ ޕްލާންޓަކާއި އަދި 50 ޓަނުގެ ދެ ސްޓޯރޭޖް ޓޭންކެއް ބެހެއްޓުން