ގިނަ އަދަދެއްގެ ގުރުއާނުގެ ތަރުޖަމާތަކެއް ތިލަފުއްޓައް އުކާލި މައްސަލައެއް ފުލުހުން ތަހްގީގްކުރަން ފަށައިފި އެވެ.

ގިނަ އަދަދެއްގެ ގުރުއާނުގެ ތަރުޖަމާތަކެއް ކުނިގޮޑަށް އުކާލާފައި ހުރި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ މައްސަލަ ވެމްކޯ އިން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ތިލަފުށީ ކުނި ގޮނޑަށް އުކާލާފައިހުރި ގުރުއާނުގެ ތަރުޖަމާތައް --- ފޮޓޯ: ސޯޝަލް މީޑިއާ

ވެމްކޯގެ ބިޒްނަސް ޑިވޮލޮޕްމެންޓް މެނޭޖަރު މުހައްމަދު އިގްބާލް 'ސަން' އަށް ވިދާޅުވީ ގުރުއާން ލިޔެފައި ހުންނަ ތަކެތި ތިލަފުއްޓަށް ގެންގޮސް ނައްތާލުމުގައި ހުއްދައެއް ހޯދަން ޖެހޭނެ ކަމަށާއި އެފަދަ ލިޔުންތަކަކީ ގޮނޑަށް އުކާލެވިގެންވާނެ އެއްޗިއްސެއް ނޫން ކަމަށެވެ.

ގުރުއާނުގެ ތަރުޖަމާތަކެއް ގޮނޑަށް އުކާލާފައި ހުރި ފޮޓޯތަކެއް އާންމެވަފައިވަނިކޮށް ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިތުރު ތަރުޖަމާތަކެއް ފޮށިތަކުގައި ތިލަފުއްޓަށް ގެންގޮސްފައި ވަނިކޮށް ފެނިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ތިލަފުށީ ކުނި ގޮނޑަށް އުކާލުމަށް ގެންގޮސްފައި ހުރި ގުރުއާނުގެ ތަރުޖަމާތައް ފޮށި ތަކުގައި --- ފޮޓޯ: ސޯސަލް މީޑިއާ

"އަދި ވެމްކޯގެ މުއައްޒަފުންގެ ސަމާލުކަމަށް އެކަން އައި ހިސާބުން ފެށިގެން ވެމްކޯ އިން ވަނީ ޤުރުއާން ތަރުޖަމާތައް ނަގައި އެހެން ކުންޏާ ވަކިކޮށްފަ އެވެ. އަދި އެ އަމަލު ހިންގާފައިވާ ދޯނި ފާހަގަކުރެވި ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުއެޅުމަށް މޯލްޑިވްސް ޕޮލިސް ސަވިސަސް އާ ވަނީ ހަވާލުކުރެވިފަ އެވެ،" ވެމްކޯގެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަލަކު 'ސަން' އަށް ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ތަހްގީގްކުރަމުންދާ މައްސަލައަކަށް ވުމުން އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.