ކުރިއަށް އޮތް 10 އަހަރު ތެރޭގައި ވައިރަލް ހެޕަޓައިޓިސް ޖެހިގެން ދެކުނު އިރުމަތީ އޭޝިޔާ ސަރައްހަދުން ފަސް މިލިޔަން މީހުން މަރުވާނެ ކަމަށާއި މިދިޔަ 10 އަހަރު ވެސް މެލޭރިއާ އާއި ޑެންގީ އަދި އެޗްއައިވީ އެއިޑްސް ޖެހިގެން މަރުވި މީހުންނަށްވުރެ ގިނަ މީހުން އެ ބަލީގައި މިސަރަހައްދުން މަރުވި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ )ޑަބްލިއުއެޗްއޯ( އިން މިއަދު ބުނެފި އެވެ.

ޑަބްލިއުއެޗްއޯ ސައުތްއީސްޓްއޭޝިޔާރީޖަން )ސިއާރޯ( އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މީހުންނަށް ހެޕަޓައިޓިސް ޖެހެނީ އެމީހުންގެ އެންމެ އުފެއްދުން ތެރި، ޒުވާން އުމުރުގައި ކަމަށެވެ.

"... މިސަރަހައްދުގައި ހެޕަޓައިޓިސް ބީ ނުވަތަ ސީ ވާރުތަވާގޮތް ހުރި 130 އަދި މުޅި ދުނިޔޭގައި އެފަދަ 520 މިލިޔަން މީހުން ތިބި ނަމަވެސް އެ ބައްޔާމެދު މީހުންގެ ހޭލުންތެރިކަން ވަރަށް ކުޑައެވެ،" ޑަބްލިއުއެޗްއޯގެ ބަޔާނުގައި ވެއެވެ

ހެޕަޓައިޓިސްއާ ބެހޭގޮތުން މީހުންގެ ހޭލުންތެރިކުރުވަން ދުނިޔޭގެ ހެޕަޓައިޓިސް ދުވަހުގެ ގޮތުގައި މިމަހުގެ 28 ވަނަ ދުވަސް ފާހަގަކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ ނިންމާފަ އެވެ.
ހެޕަޓައިޓިސްގެ އާއްމު އަލާމާތަކީ ލޮލާއި ހަންގަނޑު ރީނދޫވުން ކަމަށް ވާއިރު އެބައްޔަކީ ތަފާތު ހަތް ވައިރަހަކުން )އޭ އިން ފެށިގެން ޖީއަށް( ޖެހޭ ބައްޔެކެވެ. މިހަތް ބާވަތުގެ ތެރެއިން އެންމެ ނުރައްކާތެރިކަމަށް ފާހަގަކުރެވިފައި ވަނީ އޭ އާއި ބީ އަދި ސީ އެވެ. ހެޕަޓައިޓިސް އެންމެ ފަސޭހައިން ޖެހެނީ މިތިން ވައްތަރުގެ ވައިރަހުންނެވެ.

ވައިރަލް ހެޕަޓައިޓިސް ފެތުރުން ހުއްޓުވުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައި ވަނީ އާއްމު ސިއްހަތުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހޭލުންތެރިކަން އެބައްޔާ މެދު ކުޑަވުމެވެ. އަދި އެބަލި ދެނެގަތުމުގެ ގާބިލްކަން ނެތުމަކީ ވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކަމަށް ވެސް އެޖަމާއަތުން ބުނެއެވެ.

ހެޕަޓައިޓިސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑަބްލިއުއެޗްއޯގެ ވޯލްޑް ހެލްތު އެސެމްބްލީން މިދިޔައަހަރު މޭމަހު ވަނީ ގަރާރެއް ފާސްކޮށްފައެވެ.