ޕީއެސްޖީގެ ފޯވާޑް އެންހަލް ޑި މަރިއާ 50 މިލިއަން ޔޫރޯގެ އަގަކަށް ބާސެލޯނާއަށް ބަދަލުވުމާ ކައިރިވެފައިވާ ކަމަށް ބާސާގެ ނޫހެއް ކަމަށްވާ ސްޕޯޓްސް އިން ބުނެފިއެވެ.

ބާސާއަށް މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ކުރިއެރުމަށްވުރެ ބޮޑަށް ލިބިފައި ވަނީ ހިތްދަތި ކަމެވެ. އެގޮތުން އެ ޓީމުގެ ޒުވާން ތަރި ނޭމާ ވަނީ ރެކޯޑު ފީ އަކަށް ބާސާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވެފައެވެ. އެއާއެކު ލިވަޕޫލްގެ ޕިލިޕް ކުޓީނިއޯ އާއި ޑޯޓްމަންޑުގެ އުސްމާން ޑެމްބެލޭ، ބާސާއަށް ގެނައުމަށް ކުރި މަސައްކަތް ވެސް އަދި މިހާތަނަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

ބާސާއާއި ލިއޮނަލް މެސީއާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އެންމެ އަހަރެއް އޮތް އިރު، މެސީ ވަނީ ކޮންޓްރެކްޓު އާކުރުން ފަސްކޮށްފައެވެ. ނަމަވެސް އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ޑި މަރިއާ ބާސާއަށް ގެނައުމުން މެސީ، އާ ކޮންޓްރެކްޓުގައި ސޮއި ކުރާނެ ކަމަށް ބެލެވެއެވެ.

ޕީއެސްޖީން ވެސް ދަނީ ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 200 މިލިއަން ޕައުންޑަށް ނޭމާ އެ ކުލަބަކަށް ގެނައުމަށްފަހު، ފައިނޭންސިއަލް ފެއަރ ޕްލޭ ބެލެންސް ކުރުމަށް ކުޅުންތެރިން ވިއްކުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން ވިއްކާލާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޑި މަރިއާ ކަމަށް ސްޕޯޓްސްއިން ރިޕޯޓުކޮށްފައި ވެއެވެ.

ސްޕޯޓްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބާސާއިން ދަނީ ކުޓީނިއޯ އާއި ޑެމްބެލޭ ގެނައުމަށް އެންމެ ފަހު ބިޑް ހުށައެޅުމަށް ތައްޔާރުވަމުންނެވެ.