24 Aug 2017, 13:38
ކޮލަމްބޯ (އޮގަސްޓް 24): ސްރީ ލަންކާގެ ދެކުނުގައި އޮންނަ ހަމްބަންތޮޓަ ޑިސްޓްރިކްޓުގެ ބަނދަރު ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނުމަށް ހެދި އެއްބަސްވުމަށް ފާޑު ވިދާޅުވި ޖަސްޓިސް މިނިސްޓަރު، ވިޖެޔަދާސާ ރާޖަޕަކްޝާ މަގާމުން ވަކިކޮށްފި އެވެ.
ރާޖަޕަކްޝާ މަގާމުން ދުރުކުރަން ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާ ނިންމެވީ ވެރިކަން ކުރާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ އެދުމުގެ މަތިންނެވެ.
ހަމްބަންތޮޓާ އެއްބަސްވުމަށް ފާޑު ވިދާޅުވަމުން ރާޖަޕަކްޝާ ވަނީ އެއީ ގައުމުގެ ސިޔާދަތަށް ރަނގަޅު ގޮތެއް ނޫން ކަމަށާއި ބަނދަރު އަނެއްކާ ވެސް ލަންކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭގެ ސަބަބުން ޔޫއެންޕީގެ ޖެނެރަލް ސެކްރެޓަރީ ކަބީރް ހާޝިމް ވަނީ އެފާޑު ކިޔުންތައް އަނބުރާ ގެންދެވުމަށް މިހަފްތާގެ ހޯމަ ދުވަހާ ހަމަޔަށް މުހުލަތެއް ދެއްވައިފަ އެވެ. ނަމަވެސް ރާޖަޕަކްޝާ އެފަދައިން އަމަލު ނުކުރެއްވުމުން އޭނާ މަގާމުން ދުރުކުރަން ޔޫއެންޕީން އެދުނެވެ.
އަދި ރާޖަޕަކްޝާ ވަނީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އާއިލާއާ ދެކޮޅަށް ކުރިއަށް ގެންދިޔަ ތަހުގީގަށް ހުރަސް އަޅާފައި ކަމަށާއި އޭނާ ވަނީ ލަންކާގައި ދިރިއުޅޭ މުސްލިމުންނަށް ހަމަލާ ދިނުމަށް ހިތްވަރުދޭ ބުދިސްޓު މޮންކަކަށް އެހީތެރިވެދީފައި ކަމަށް ވެސް ޔޫއެންޕީން ތުހުމަތު ކުރެ އެވެ.
ހަމްބަންތޮޓަ ބަނދަރު، ޗައިނާގެ ކުންފުންޏެެއްގެ މެޖޯރިޓީ ހިއްސާ އޮންނަ ޖޮއިންޓް ވެންޗަރ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ލަންކާ ސަރުކާރުން އެ ފިޔަވަޅު އެޅީ، ރައީސް ރާޖަޕަކްސަގެ ސަރުކާރުގައި ޗައިނާގެ އެހީގެ ދަށުން ހިންގާފައިވާ މަޝްރޫއުތަކުގެ ސަބަބުން ލަންކާ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ވާތީއެވެ. (އިންޑިއަންއެކްސްޕްރެސް)