މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ 25 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ދެވަނަ މެޗު، ޓީރެކްސް ބީސީ އިން ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ދެވަނަ މެޗު ޓީރެކްސް އިން ކާމިޔާބު ކޮށްފައި ވަނީ އެލްކިއު ސްޕޯޓްސް ކްލަބާ ވާދަކޮށް 132-43 ޕޮއިންޓުންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީރެކްސްއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އަހުމަދު ހުޝާމް އެވެ. ޓީރެކްސްގެ ހުޝާމް އެ ޓީމަށް 31 ޕޮއިންޓް ހޯދައިދިންއިރު، އެލްކިއު ސްޕޯޓްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އެ ޓީމަށް 15 ޕޮއިންޓް ހޯދައިދިން އަހުމަދު ފަވާޒް އެވެ.

ރޭ ކުޅެވުނު މުބާރާތުގެ ތިންވަނަ މެޗުގައި ވާދަ ކޮށްފައި ވަނީ ކްލަބް އެޗްޑީސީ އާއި ދަ ބޮައުސް ސްޕޯޓްސް ކްލަބެވެ. އެ މެޗު 103-54 ޕޮއިންޓުން ކާމިޔާބު ކޮށްފައި ވަނީ ބައުސް ސްޕޯޓްސް ކްލަބެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ބައުސް އަށް 24 ޕޮއިންޓު ހޯދައިދިން އަބްދުﷲ އަޒްމަރް އެވެ.

އެ މުބާރާތުގައި މިއަދު އަންހެން ޑިވިޝަންގެ މެޗަކާއި ފިރިހެން ޑިވިޝަންގެ މެޗެއް ކުރިއަށްދާނެ އެވެ. މިއަދު ހަވީރު 4:30ގައި ކުޅޭ އަންހެން ޑިވިޝަންގެ ބައްދަލު ކުރާނީ ޓައިޓަންސް އެފްސީ އާއި ރެޑްވިންގްސް ބީސީ އެވެ. އަދި މިރޭ 8:30ގައި ކުޅޭ ފިރިހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރާނީ ސްޓިންގާސް ބީސީ އާއި ރެޑްވިންގްސް ބީސީ އެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަން ވެސް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފިރިހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނެނީ ކިންގްސް ބީސީއާއި ރެޕްޓާސް ބީސީއާއި ސްޓިންގާސް ބީސީ އަދި ރެޑްވިންގްސް ބީސީ އެވެ. އެ ޑިވިޝަންގެ ގްރޫޕް ދޭއްގައި ހިމެނެނީ ޓީރެކްސް ބީސީއާއި އެލްކިޔު ސްޕޯޓްސްއާއި ކްލަބު އެޗްޑީސީ އަދި ދަ ބައުސް އެވެ.

އަންހެން ޑިވިޝަންގެ ގްރޫޕް އެކެއްގައި ހިމެނެނީ ޓައިޓަންސް އެސްސީއާއި ރެޑްވިންގްސް ބީސީއާއި ރައިވެރިޔާ އަދި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އެވެ. އެ ޑިވިޝަންގެ ގްރޫޕް ދޭއްގައި ހިމެނެނީ ސައިކްލޯން ބީސީއާއި ޔޫތު އެސްސީ އަދި ޓީރެކްސް ސްޕޯޓްސް އެކަޑަމީ (ޓީއެސްއޭ) އެވެ.