ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( ގައި ރަޖިސްޓްރީ ނުކޮށް ތިބި ފަރާތްތައް ރަޖީސްޓްރީކުރަން އެހީވާން މީރާއިން ފެށި ދޮރުން ދޮރަށް ކެމްޕޭން ނިންމާލައިފި އެވެ.

މީރާއިން މިއަދު ބުނީ ވެރިރަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި މީހުން ދިރިއުޅޭ ގޭގެއަށާއި ވިޔަފާރި ކުރާ ތަންތަނަށް މީރާގެ މުވައްޒަފުން ގޮސް އެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ވިޔަފާރި ކުރާ ފަރާތްތައް އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވޭތޯ ބަލައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފޯމާއި، ފޯމް ފުރާނެ ގޮތުގެ މަޢުލޫމާތާއި، އަދި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްއާބެހޭ ގޮތުން މަޢުލޫމާތު ދީފައިވާނެ ކަމަށް ވެސް ބުންޏެވެ.

ފަސް ހަފްތާވަންދެން ކުރިއަށް ގެންދިޔަ ކެމްޕޭނުގެ ދަށުން 9000 ވުރެ ގިނަ ފަރާތްތައް ރަޖިސްޓަރީ ކުރި ކަމަށް ވެސް މީރާއިން ވަނީ ބުނެފަ އެވެ.