އއ. މާޅޮހުން އަބަދުވެސް ނުކުންނަނީ ރަނގަޅު ނަތީޖާއެއް ނެރެން ކަމަށް އެ ޓީމުގެ ކޯޗު އަލީ ނިޝްތާރު މުހައްމަދު ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މާޅޮސް ޓީމުގެ ކޯޗު ނިޝްތާރު ބުނީ، ނިއުއާ ދެކޮޅަށް ނުކުންނާނީ އޯޕަން ފުޓްބޯޅައެއް ކުޅެން ކަމަށެވެ.

"އޯޕަންކޮށް ކުޅެން އަޅުގަނޑުމެން ވިސްނަނީ. މާބޮޑަށް ފަހަތަށް ޖެހިގެން ކުޅެން އުޅެފިއްޔާ ލަނޑު ކަންނޭނގެ ލިބޭނީ. ނިއު ރޭޑިއަންޓަކީ އިންޑިވިޖުއަލީ އެންމެ މޮޅު ޕްލޭޔަރުން ތިބި ޓީމު ކަމަށް ގަބޫލުކުރަން. އަޅުގަނޑުމެން މިހާތަނަށް ކުޅުނީ އަތޮޅުތަކުން އައި ތިން ޓީމާ. ބޮޑު ޓީމަކާ މި ޖެހެނީ ފުރަތަމަ ފަހަރަށް. އަބަދުވެސް ތައްޔާރުވާނީ ޕޮޒިޓިވް ނަތީޖާއަކަށް،" އޭނާ ބުންޏެވެ.

ނިޝްތާރު ބުނީ، މާޅޮހަށް ހިފަހައްޓާލެވޭ ކޮންމެ ވަގުތަކީ ނިއުއަށް ލިބޭނެ ޕްރެޝަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި މެޗުގެ ކުރީކޮޅު ގޯލެއް ވަދެއްޖެ ހާލަތެއްގައި ކުޑަކޮށް ގޯސްވެދާނެ ކަމަށެވެ. އަދި އެގޮތަށް ކަންތައް ނުގޮސްފި ނަމަ، ރަނގަޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ލީގުގައި ނިއުއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާ އިރު، ބަލިވެފައި ވަނީ ހަމައެކަނި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ލީގުގައި މާޅޮސް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައިވާ އިރު، ދެ މެޗު ނިންމާލީ އެއްވަރުވެގެންނެވެ.