ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިހާރު މަސައްކަތް ކުރަނީ ސްޓައިލް ބަދަލުކޮށްގެން ނަތީޖާ ނެރުމަށް ކަމަށް އެ ކްލަބުގެ އެސިސްޓަންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) ބުނެފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ އއ. މާޅޮހާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ކުރީ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިއުގެ އެސިސްޓަންޓް ކޯޗު ސަމްޕަތު ބުނީ، ނިއުގެ ކުޅުމުގެ ސްޓައިލް ބަދަލުކޮށްގެން އެންމެ ފަހުން ކުޅުނު މެޗުގައި ރަނގަޅު ކަންތައްތަކެއް ފެނިގެން ދިޔަ ކަމަށެވެ.

"ނިއު ރޭޑިއަންޓް ފަހުން މި ފެށީ ސްޓައިލް ބަދަލުކޮށްގެން. މިދިޔަ މެޗުގައި ވެސް ފެނުނު ވަރަށް ރަނގަޅަށް ކުޅުނުތަން. ފިނިޝިން ނެތީ. ސްޓައިލް ބަދަލުކޮށްގެން ނިއު ރޭޑިއަންޓުން މިހާރު މިތިބީ ނަތީޖާ ނެރެން ހިފާފައި. އެހެންވީމާ މިހާރު ބޮޑަށް ނަތީޖާއަށް މި މަސައްކަތް ކުރަނީ. މާޅޮސް ޓީމަކީ ވެސް ދެރަ ޓީމެއް ނޫން. އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން،" އޭނާ ބުންޏެވެ.

ސަމްޕަތު ބުނީ، ދެވަނަ ބުރު ފެށެންވާއިރަށް ނިއުއިން ބޭނުން ވަނީ މިހާރަށް ވުރެ ވެސް ވަރުގަދަކޮށް އޮންނަން ކަމަށާއި ނިއުގެ ފުރަތަމަ މެޗަށް ފަހު އެހެން ޓީމުތަކުން ނިއު ހިފެހެއްޓުމަށް މަސައްކަތް ކުރާތަން ފެންނަމުންދާ ކަމަށެވެ. އަދި ނިއުއިން ނަތީޖާ ނެރުމަށް މަސައްކަތް ކުރާނީ އެކަމަށް ވިސްނައިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

"މިހާރު ނިއު ރޭޑިއަންޓުން ވަރަށް އިންޑިވިޖުއަލް ފުޓްބޯޅަ ނުފެންނާނެ. މިހާރު ނިއު ރޭޑިއަންޓުން މަސައްކަތްކުރަނީ ކޮމްބިނޭޝަން ފުޓްބޯޅައަށް. މިހާރު އަޅުގަނޑުމެންގެ ޓީމުގެ އެޓޭކްގައި ޗޭންޖްކުރެވޭ ބައިވަރު ކުޅުންތެރިން އެބަތިބި. މިފަހަރު ޓީމަށް އައިސްފައި މިވަނީ ވަރަށް ޕޮޒިޓިވް ބަދަލެއް،" އޭނާ ބުންޏެވެ.

ލީގުގައި ނިއުއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާ އިރު، ބަލިވެފައި ވަނީ ހަމައެކަނި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ލީގުގައި މާޅޮސް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފައިވާ އިރު، ދެ މެޗު ނިންމާލީ އެއްވަރުވެގެންނެވެ.