24 Aug 2017, 11:58
ކަރާކަސް (އޮގަސްޓް 24): ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އެސަރުކާރުގެ އިސް ފަރާތްތަކުން ކޮރަޕްޝަނުގެ އަމަލުތައް ހިންގި ކަމުގެ ހެކި އެބަހުރި ކަމަށް އެގައުމުގެ ކުރީގެ ޗީފް ޕްރޮސެކިއުޓަރު ލުއިސާ އޯޓެގާ ޑިއާޒް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފްތާގައި މަގާމުން ދުރުކުރި އޯޓެގާ ވަނީ ކޮރަޕްޝަނުގެ ތުހުމަތުތައް ވެރިކަން ކުރާ ޕާޓީގެ ދެ ލީޑަރުންގެ އިތުރުން އާ ޗީފް ޕްރޮސެކިއުޓަރުގެ މައްޗަށް ވެސް ކުރައްވާފަ އެވެ.
ވެނެޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުން އޯޓެގާ މަގާމުން ދުރުކުރީ ޕްރޮސެކިއުޓަރުގެ މަގާމުގައި ހުންނެވި އިރު ކޮރަޕްޝަނުގެ މައްސަލަތައް ނުބައްލަވާ ދޫކޮށްލައްވާފައި ކަމަށް ބުނެ އެވެ. އޭގެ ސަބަބުން އޯޓެގާ ވަނީ އެގައުމު ދޫކުރައްވާ ބްރެޒިލްއަށް ވަޑައިގެންފަ އެވެ.
ބްރެޒިލްގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އޯޓެގާ ވިދާޅުވި ގޮތުގައި ރައީސް މަޑޫރޯ ވަނީ ބްރެޒިލްގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ރިޝްވަތުގެ މައްސަލައެއްގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ.
"އެކުންފުނީގެ މައްސަލައާ ގުޅޭ ހެކި އަޅުގަނޑުގެ އަތުގައި އެބަހުރި. އަދި ވެނެޒުއޭލާގެ ރައީސް އިން ފެށިގެން ގިނަ އަދަދެއްގެ އިސް ލީޑަރުން އެކަމުގައި ބައިވެރިވިކަން އެހެކިން އެނގިގެންދާނެ،" އޯޓެގާ ވިދާޅުވި އެވެ.
އޯޓެގާ ވިދާޅުވި ގޮތުގައި އެލިޔުންތަކުގެ ސަބަބުން އޭނާއަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން އޭނާ ބޭނުން ވަނީ އެ މައްސަލަ ތަހުގީގު ކުރާނެ ގައުމަކާ އެލިޔުންތައް ހަވާލު ކުރާށެވެ.
ވެެނެޒުއޭލާގެ ރައީސް މަޑޫރޯ ވިދާޅުވި ގޮތުގައި އޯޓެގާ ދަނީ އެމެރިކާއާ އެއްބައިވެ، އޭނާގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އަދި އޯޓެގާ ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ އަމުރެއް ނެެރެދިނުމަށް އެދޭނެ ކަމަށް ވެސް މަޑޫރޯ ވިދާޅުވި އެވެ. (ބީބީސީ)