24 Aug 2017, 12:10
ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ނަމަ، ކުޅުންތެރިން މަސައްކަތްތަކެއް ކޮށްދޭން ޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގެ ޕްލޭ އޯފްގައި ލިވަޕޫލް ވަނީ ހޮފެންހޭމް އަތުން 6-3 ލަނޑުގެ އެގްރިގޭޓަކުން މޮޅުވެ، މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ވާދަކޮށްފައި ވަނީ 15-2014 ސީޒަނުގަ އެވެ.
އެ މެޗަށް ފަހު ވާހަކަ ދައްކަމުން ކްލޮފް ވަނީ ކުޅުންތެރިންގެ ކޮންޓްރެކްޓް އާކުރުމަށް މަޝްވަރާކުރާއިރު ޗެމްޕިއަންސް ލީގުގެ މުހިންމުކަން އެ ކުޅުންތެރިން ފާހަގަކުރަމުންދާ ކަމަށް ބުނެފަ އެވެ.
"ކޮންޓްރެކްޓް އާކުރުމަށް މަޝްވަރާ ކުރުމުން ކުޅުންތެރިން ބުނާނެ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންވާ ވާހަކަ. އެއީ އަހަރެމެން އެކުގައި ކުރަން ޖެހޭ ކަމެއް. މިފަހަރު އަހަރެމެން އެކުގައި މަސައްކަތްކޮށްގެން މިކަން މި ކާމިޔާބުވީ. މިއީ 14 މަހުގެ ބުރަ މަސައްކަތް،" ލިވަޕޫލްގެ ކޯޗު ބުންޏެވެ.
ކްލޮޕް ބުނީ، ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުނީތީ ވަރަށް އުފާކުރާ ކަމަށާއި ޓްރާންސްފާ މާކެޓުގައި ވެސް އެކަމުން ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭނެ ރަނގަޅު ސްކޮޑެއް އޮތް ކަން ވެސް އޭނާ ފާހަގަކުރި އެވެ.