19 May 2010, 09:55
14:30
ތައިލެންޑްގައި މުޒާހަރާކުރަމުންދާ އިދިކޮޅު ފަރާތްތަކުގެ މައިމަރުކަޒު ތެރެއަށް އެގައުމުގެ ފުލުހުން ވަދެގެންފި އެވެ.
ބެންކޮކްގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ކޮރެސްޕޮންޑެންޓް ވޭން ހޭ ބުނެފައި ވަނީ ހަތިޔާރު އެޅި ސިފައިންގެ ފައުޖުތައް އެސަރަހައްދު ތެރެއަށް ވަދެގެންފައި ވަނީ މިއަދު ހެނދުނު ކަމަށާއި ގާތްގަނޑަކަށް އެއް ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރުމަށްފަހު މުޒާހަރާ ކުރަމުންދާ 'ރެޑް ޝަރޓްސް' ގެ ލީޑަރުން ތިބި ކަމަށް ބެލެވޭ މައިމަރުކަޒާ ހަމައަށް ސިފައިންތައް ވަދެގެންފައިވާ ކަމަށެވެ. އަދި އެހިސާބުން ސިފައިންނާއި އިދިކޮޅު ފަރާތްތަކުގެ ގާޑުންނާ ދެމެދު ހަމަލާތަކެއް ބަދަލުކުރެވިފައިވާ ކަމަށާއި މިހަމަލާތަކުގައި 'ރެޑް ޝަރޓްސް'ގެ ގާޑުންގެ ތެރެއިން ދެމީހަކު މަރުވެފައިވާ ކަމަށް ވެސް އޭނާ ބުނެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ތައިލެންޑް ސިފައިން އެސަރަހައްދުތެރެއަށް ވަދެގަތުމަށް ފަހު އެސަރަހައްދުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ މީހުންގެ ތެރެއިން އާންމުން އެސަރަހައްދު ދޫކޮށް ދިޔުމަށް ވަނީ ގޮވާލާފަ އެވެ. އަދި އެސަރަހައްދު ދޫކޮށް ނުގޮސްފިނަމަ އެމީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް އެގައުމުގެ ސިފައިން އިންޒާރު ކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ތައިލެންޑް ސަރުކާރުގެ ތަރުޖަމާން ޕަނިތާން ވަތަނަޔަގޯން ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ހިންގި މި އަސްކަރީ އޮޕަރޭޝަންގެ ސަބަބުން 'ރެޑް ޝަރޓްސް' ގެ އިސް ވެރިންގެ ގޮތުގައި ތިބި ބައެއް މީހުން އެސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި މިއޮޕަރޭޝަންގެ ސަބަބުން ސަރުކާރަށް ކާމިޔާބު ލިބޭނެ ކަމުގެ ކޮޅުމަތި ފެނިއްޖެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.