މިއަހަރުގެ ހައްޖު މޫސުމަށްފަހު އީރާނާއި ސައޫދީ އަރަބިޔާގެ ޑިޕްލޮމެޓިކް ވަފްދުތައް އެއްގައުމުން އަނެއްގައުމަށް ޒިޔާރަތް ކުރާނެކަމާއި ދެގައުމުގެ ގުޅުންތައް އަލުން އިޢާދަވުމުގެ މަގުމަތީގައިވާ ކަމަށް އީރާނުން ބުނެފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް ވިދާޅުވީ އީރާނަށް ޒިޔާރަތްކުރައްވާ ސައޫދީ ޑިޕްލޮމޭޓުންގެ ވަފްދަށް ބޭނުންވާ ވިސާގެ ކަންތައް އީރާނުން ހަމަޖައްސައި ދީފައިވާނެކަމަށާއި ސައޫދީއަށް ވަޑައިގަންނަވާ އީރާނުގެ ވަފްދުގެ ބޭފުޅުންގެ ވިސާގެ ކަންތައް ސައޫދީންވެސް ހަމަޖައްސައި ދީފައިވާކަމުގައެވެ.

ކޮންމެ ގައުމެއްގެ ޑިޕްލޮމޭޓުންވެސް އަނެއް ގައުމަށް ޒިޔާރަތް ކުރައްވަނީ އެގައުމުގައި ހުންނަ އެމްބަސީއާއި ކޮންސިއުލޭޓްތައްފަދަ ޑިޕްލޮމެޓިކް މިޝަންތަކުގެ އިމާރާތްތައް ބަލައި އެތަންތަން މަރާމާތުކުރުންފަދަ ކަންކަން ކުރިޔަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށްވެސް ޒަރީފް ވިދާޅުވިއެވެ.

އީރާނާއި ސައޫދީ އަރަބިޔާގެ ގުޅުންތައް ގޯސްވެފައިވަނީ ސަރަހައްދަށް ބާރާއި ނުފޫޒު ފޯރުވުމަށް ދެގައުމު ގެންގުޅޭ ވާދަވެރި ސިޔާސަތުގެ ސަބަބުންނެވެ. މިގޮތަށް ސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވަން މިދެގައުމުންކުރެ ކޮންމެ ގައުމަކުންވެސް ކުރެވުނުހާ މަސައްކަތެއް ކުރަމުން ގެންދެއެވެ.

މިގޮތުން އިރާގާއި ސޫރިޔާގައި އީރާނުން ބާރާއި ނުފޫޒު ގަދަކޮށްފައިވާއިރު ސައޫދީ ގެންދަނީ ޔަމަނަށް އަސްކަރީ ގޮތުން ވަދެގަނެ ސައޫދީ މަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި ހަނގުރާމަ ކުރަމުންނެވެ. ސޫރިޔާއަށް ބަލާއިރު ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް ސައޫދީން އެހީތެރިކަން ފޯރުކޮށްދީ ސޫރިޔާ ސަރުކާރު ވައްޓާލަން މަސައްކަތްކުރާއިރު އީރާން ގެންދަނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ސައޫދީން މިދިޔަ އަހަރުގެ ކުރީކޮޅު ކުއްލި ގޮތަކަށް އީރާނާ ގުޅުންތައް ކަނޑާލީ އީރާނުގައިވާ ސައޫދީ އެންބަސީ އަށް އީރާނުގެ ބަޔަކު ހަމަލާދީ އެތަން އަންދާލުމުންނެވެ. އީރާނުގެ ބަޔަކު އެކަންކުރީ ސައޫދީ ގެ ޝިޔައީ އިލްމުވެރިއެއްކަމަށްވާ ޝައިޚް ނިމްރުއްނިމްރަށް ސައޫދީ ސަރުކާރުން މަރުގެ އަދަބު ދިނުމުން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން އީރާނުގެ ބަޔަކު ސައޫދީ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރައެއްގެ ތެރޭގައެވެ.

ފާއިތުވި ދޮޅު އަހަރުތެރޭގައި ސައޫދީ އާއި އީރާނުގެ ގުޅުންތައް ވަރަށް ބޮޑަށް ގޯސްވެ ޔަމަނާއި ސޫރިޔާފަދަ ގައުމުތަކުން ދެގައުމުގެ އަރާރުންތަކާއި ވާދަވެރިކަން ވަރަށް ބޮޑަށް ފެނިފައިވާއިރު ސައޫދީ އާއި ގަތަރާ ދެމެދުގައިވެސް ބޮޑު ހަތުރުވެރިކަމެއް އުފެދި އެދެގައުމުވެސް ވަނީ ގުޅުންތައް ކަނޑާލާފައެވެ. އަދި ގަލްފުގެ އިތުރު ދެގައުމާ ގުޅިގެން ސައޫދީ ވަނީ ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅާފައެވެ. މިއާއެކު އީރާނާއި ގަތަރުގެ ގުޅުންތައްވަނީ ވަރަށް ބޮޑަށް ރަނގަނޅުވެ ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތައްވެސްވަނީ އެތަށް ގުނައެއް އިތުރުވެގެން ގޮސްފައެވެ.

އިއްޔެ ގަތަރުންވަނީ މިދިޔައަހަރު ސައޫދީ އާއި އީރާނާ ގުޅުންތައް ކަނޑާލި މައްސަލާގައި ސައޫދީއަށް ހަމްދަރްދީ ފާޅުކުރުމުގެ ގޮތުން ބޭރުކޮށްލި އީރާނުގެ ސަފީރުވެސް އަލުން އަނބުރައި ގަތަރަށް އައުމުގެ ހުއްދަ ދީ އީރާނާއެކު ބަދަހި ގުޅުންތަކެއް ގާއިމްކުރަން ނިންމިކަން އިއުލާންކޮށްފައެވެ.

އީރާނާއި ސައޫދީގެ ގުޅުންތައް ގޯސްވެފައިވާ މިދަނޑިވަޅުގައި މިމަހުގެ ކުރީކޮޅު ތުރުކީގެ އިސްތަންބޫލްގައި ބޭއްވި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ އަރިމަތީގައި ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރުވަނީ އެބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އީރާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒަރީފް އާ ބައްދަލުކުރައްވައި ސަލާމް ގަލާން ކުރައްވައި ހާލުއަހްވާލު އޮޅުން ފިލުއްވައި ވަރަށް އުޚުއްވަތްތެރި މާހައުލެއްގައި ވާހަކަ ދައްކަވާފައެވެ. އަދި ދާދިފަހުން ސައޫދީއަށް ޒިޔާރަތް ކުރެއްވި އިރާގުގެ ޚާރިޖީ ވަޒީރު ގާސިމްއަލްއަޢްރަޖީވަނީ އީރާނާއެކު ގުޅުންތައް ރަނގަނޅު ކުރުމަށްޓަކައި އިރާގުން މެދުވެރިއެއްގެބައި އަދާކޮށްދިނުމަށް ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އެދިވަޑައިގެންފައިވާކަން މީޑީޔާގެ ކުރިމަތީގައި ބަޔާން ކުރައްވާފައެވެ.

އިރާގުގައިވާ އީރާނާ ގުޅުން ބޮޑު ޝިޔައީ އިސް ލީޑަރުން ދާދިފަހުންވަނީ ސައޫދީ ސަރުކާރުގެ ދައުވަތަކަށް ސައޫދީ އަށް ވަޑައިގެންފައެވެ. އަދި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާންވަނީ އެބޭފުޅުންނާ ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކަށް ފަހު ސައޫދީ ޚާރިޖީ ވުޒާރާއިން ވަނީ އިރާގާއެކު ގުޅުންތައް ބަދަހިކުރަން ބޭނުންވާކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. އަދި ސައޫދީން ދާދިފަހުންވަނީ އެގައުމާއި އިރާގުގެ ސަރަހައްދީ ރޮނގުވެސް ހަތާވީސް އަހަރަށްފަހު އަލުން ހުޅުވާފައެވެ.

މީގެއިތުރުން ސައޫދީން ވަނީ އީރާނުގެ ހައްޖުވެރިންނަށްވެސް މިއަހަރު ހައްޖުވުމުގެ ފުރްސަތު ވަރަށް ބޮޑަށް ފަސޭހަކޮށް ދީފައެވެ. އީރާނުގެ ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށްޓަކައި އީރާނުގެ ކޮންސިއުލޭޓެއް ސައޫދީ ގައި ހުޅުވުމުގެ ފުރްސަތުވެސް ސައޫދީން މިދިޔަ މަހު ވަނީ ދީފައެވެ.