24 Aug 2017, 10:27
ކުރިމަތިވާ ބިރުދެއްކުމަކަށް ބެލުމެއްނެތި އިސްލާމްދީނާއި ދިވެހި ގައުމުގެ ހައްގުގައި ސާބިތުކަމާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާ ނިންމަވާލައްވަމުން މަސީހު ވިދާޅުވީ ކުރިމަތިވާ ބިރުދެއްކުމަކަށް، ނުފޫޒަކަށް ނުވަތަ ދައްޗަކަށް ބެލުމެއް ނެތި މާވްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމުގެ ހައްގުގައި ފަސްޖެހުމެއް ނެތި ސާބިތުކަމާ އެކު ކުރިއަށްދާނެކަމުގެ ޔަގީންކަން ހުރިހާ މެމްބަރުންނަށް އަރުވާ ކަމަށެވެ.
މަސީހު މިމޭރުމުން ވާހަކަފުޅުދެއްކެވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިދިކޮޅު މަޖިލިސް މެމްބަރުން އިހްތިޖާޖު ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
ފާއިތުވި ދެ ދުވަހެކޭ އެއްފަދައިން މިއަދު ވެސް އިދިކޮޅު މެމްބަރުން ވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ދިޔަ ވަގުތު އިހްތިޖާޖު ކުރައްވައިފަ އެވެ.