24 Aug 2017, 10:24
މެދުކެނޑުމަކަށް ފަހު އިނގިރޭސި ކްލަބު ލިވަޕޫލުން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގު ޕްލޭ އޯފްގެ ދެވަނަ ލެގު މެޗުގައި ލިވަޕޫލް ވަނީ ހޮފެންހޭމްގެ މައްޗަށް 4-2 ލަނޑުން ކުރި ހޯދައިފަ އެވެ. ލިވަޕޫލުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދީ ދެ ލެގު މެޗަށްފަހު 6-3 ލަނޑުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.
ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލިވަޕޫލް ވާދަކޮށްފައި ވަނީ 15-2014 ސީޒަނުގަ އެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އިނގިރޭސިވިލާތުގެ ފަސް ޓީމެއް ވާދަކުރާނެ އެވެ. އެއީ އިނގިރޭސި ޗެމްޕިއަން ޗެލްސީއާއި ޓޮޓެންހަމް ހޮޓްސްޕާއާއި މެންޗެސްޓާ ސިޓީ އަދި އެންމެ ފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑެވެ.
ރޭ ކުޅުނު މެޗުގެ ދިހަވަނަ މިނެޓުގައި ސާޑިއޯ މާނޭ ދިން ބޯޅައަކުން ލިވަޕޫލަށް އެމްރީ ޗޭން ލީޑު ހޯދައިދިންއިރު، މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު މުހައްމަދު ސަލާހު އެވެ.
ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކުރިތާ ތިން މިނެޓް ފަހުން ލިވަޕޫލުން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ރޮބާޓޯ ފާމީނޯ ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އެމްރީ ޗޭން އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޮފެންހޭމުން ވަނީ ލަނޑެއް ޖަހައިފަ އެވެ. މެޗުގެ 30 ވަނަ މިނެޓުގައި ސެންޑްރޯ ވެގްނާ ދިން ބޯޅައަކުން ހޮފެންހޭމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާކް އޫތު އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 3-1 ލަނޑުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުން ވެސް ލަނޑެއް ކާމިޔާބުކޮށްފައިވެ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ދިން ބޯޅައަކުން ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ފާމީނޯ ކާމިޔާބުކޮށްދިން އިރު، މެޗުގެ 79 ވަނަ މިނެޓުގައި އަންދްރޭޖް ކްރަމަރިޗް ދިން ބޯޅައަކުން ހޮފެންހޭމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެގްނާ އެވެ.
ޕްލޭ އޯފް މެޗުތަކަށް ފަހު ލިވަޕޫލްގެ އިތުރުން ސްޕެއިންގެ ސެވިއްޔާއާއި ރަޝިއާގެ ސީއެސްކޭއޭ މޮސްކޯއާއި އިޓަލީގެ ނަޕޯލީއާއި ޕޯޗުގަލްގެ ސްޕޯޓިންއާއި ސްކޮޓްލެންޑްގެ ސެލްޓިކްއާއި ގްރީސްގެ އޮލިމްޕިއާކޯސްއާއި ސައިޕްރަސްގެ އަޕޯއެލް އެފްސީއާއި ސްލެވޭނިއާގެ މަރިބޯރް އަދި އަޒަރްބައިޖާންގެ ގަރަބާޖް ވެސް ވަނީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފަ އެވެ.
މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ 32 ޓީމު:
ރެއާލް މެޑްރިޑް (ސްޕެއިން)
- ބަޔާން މިއުނިކް (ޖަރުމަން)
- ޗެލްސީ (އިނގިރޭސިވިލާތު)
- ޔުވެންޓަސް (އިޓަލީ)
- ބެންފީކާ (ޕޯޗުގަލް)
- މޮނާކޯ (ފްރާންސް)
- ސްޕާޓަކް މޮސްކޯ (ރަޝިއާ)
- ޝަޚްތާރް ޑޮނެސްކް (ޔޫކްރޭން)
- ބާސެލޯނާ (ސްޕެއިން)
- އެތުލެޓިކޯ މެޑްރިޑް (ސްޕެއިން)
- ޕެރިސް ސެއިންޓް ޖާމައިން (ފްރާންސް)
- ބޮރޫޝިއާ ޑޯޓްމަންޑް (ޖަރުމަން)
- ސެވިއްޔާ (ސްޕެއިން)
- މެންޗެސްޓާ ސިޓީ (އިންގްލެންޑް)
- ޕޯޓޯ (ފްރާންސް)
- މެންޗެސްޓާ ޔުނައިޓެޑް (އިންގްލެންޑް)
- ނަޕޯލީ (އިޓަލީ)
- ޓޮޓެންހަމް ހޮޓްސްޕާ (އިންގްލެންޑް)
- ބާސެލް (ސްވިޒަލޭންޑް)
- އޮލިމްޕިއާކޯސް (ގްރީސް)
- އެންޑާލެހްޓް (ބެލްޖިއަމް)
- ލިވަޕޫލް (އިންގްލެންޑް)
- ރޯމާ (އިޓަލީ)
- ބެސިކްޓާސް (ތުރުކީ)
- ސެލްޓިކް (ސްކޮޓްލެންޑް)
- ސީއެސްކޭއޭ މޮސްކޯ (ރަޝިއާ)
- ސްޕޯޓިން (ޕޯޗުގަލް)
- އަޕޯއެލް (ސައިޕްރަސް)
- ފެޔެނޫޑް (ނެދަލޭންޑްސް)
- މަރިބޯރް (ސްލޮވޭނިއާ)
- ގަރަބާޖް (އަޒަރްބައިޖާން)
- އާރްބީ ލޭޕްޒިގް (ޖަރުމަން)