24 Aug 2017, 09:44
އެޓާނީޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށްގެންދެވޭނީ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްގެން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަސީހު ވިދާޅުވީ ސުޕްރީމް ކޯޓުން ޖުލައި 13 ވަނަ ދުވު ކުރި ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން މަގާމުން ވަކިކުރެވޭނީ އިމްޕީޗްމެންޓަކުން ކަމަށެވެ.
އެހެންކަމުން އަނިލްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށްގެންދެވޭނީ އެ ހުކުމާއެއްގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްގެން ކަމަށާއި ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި އެއް މެމްބަރަކު ދެ ފަހަރު ސޮއިކޮށްފައިވާ ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.
އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ޖުލައި 10 ވަނަ ދުވަހުއެވެ. ނަމަވެސް ގާނޫނު އަސާސީގެ ނުބައި މާއްދާާއަކާ ހަވާލާދީފައިވާތީ އެ މައްސަލަ ވަނީ ބާތިލްކޮށްފައެވެ. އެއަށްފަހު ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ.