ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާން މިހާރު އަންނަނީ ޓޯކް ޝޯ އެއް ޝޫޓު ކުރަމުންނެވެ. އެއީ ކާމިޔާބު 'ޓެޑް ޓޯކްސް'ގެ އިންޑިއާ ވާޝަން އެވެ.

'ޓެޑް ޓޯކްސް އިންޑިއާ: ނަޔީ ސޯޗް' ގެ ނަމުގައި ގެނެސްދިނުމަށް ނިންމާފައިވާ އެ ޓޯކް ޝޯގެ އެންމެ ފުރަތަމަ މެހެމާނަކީ ޝާހުގެ އެންމެ ގާތް އެކުވެރިޔާ އަދި ކާމިޔާބު ޑައިރެކްޓަރު،ޕްރޮޑިއުސަރު ކަރަން ޖޯހަރު އެވެ.

ކަރަން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. އިންސްޓަގްރާމް މެދުވެރިކޮށް ކަރަން ވަނީ ޝޯގެ ފުރަތަމަ އެޕިސޯޑުގައި މެހެމާނެއްގެ ގޮތުން ބައިވެރިވާނީ އޭނާ ކަމަށް ބުނެފަ އެވެ.

ޝޯ ކުރިއަށް ގެންދާނީ 14 އެޕިސޯޑަށް ބަހާލައިގެންނެވެ. އެކިއެކި ދާއިރާތަކުން ފާހަގަ ކޮށްލެވޭ ފަރާތްތަކުން ވާހަކަ ދައްކާނީ ލައިވް އޯޑިއެންސެއްގެ ކުރިމަތީގަ އެވެ. ކޮންމެ މެހެމާނަކު ވެސް ވާހަކަ ދައްކާނީ 18 މިނެޓަށް ވުރެ ކުރު ވަގުތު ކޮޅަކަށެވެ.

'ޓެޑް ޓޯކްސް އިންޑިއާ: ނަޔީ ސޯޗް' ދައްކަން ފަށާނެ ތާރީޚު އަދި ކަނޑައަޅައިފައެއް ނުވެ އެވެ.