އާބާދީގައި ހަތަރު ލައްކަ މީހުން ހަމަނުވާ މިރާއްޖޭގައި ވަރީގެ މައްސަލަތައް މިވަނީ އިންތިހާއަށް ގޮސްފަ އެވެ. ކައިވެނީގެ ހަގީގީ މަގްސަދު އޮޅިފަ އެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލަ ޖެހޭ ކޮންމެ ފަހަރަކު ހައްލަކީ ވަރިކުރުންކަމަށް ދެކޭ މީހުން އާންމުވެއްޖެ އެވެ. ޒަވާޖީ ހަޔާތެއް ފަށަނީ ކީއްވެގެން ކަމާއި އެއީ ކޮންފަދަ މާތް ގުޅުމެއްކަން އޮޅުވާލައިފި އެވެ. އެހެންކަމުން ވަރި އިތުރުވެގެން ދިޔުމަކީ ވަރިހަމަ ވެގެން ދެ އަތް އުރާލާއިގެން ތިބެވޭކަށް މިހާރު ނެތެވެ.

ކައިވެނީގެ ގުޅުމަކީ ﷲ ސުބުހާނަހޫ ވަތަޢާލާ، އެންމެ މާތް ގުޅުން ތަކުގެ ތެރެއިން ގުޅުމެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ގުޅުމެކެވެ. ކައިވެނި ކުރާން ޖެހެނީ ތިމާމެން އެކަމަށް ތަސައްރަފު ފުދި، ރަނގަޅު ދިރިއުޅުމެއް ހޯދައި، ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާ ކުރުމަށެވެ. ނަމަވެސް މި ކުޑަކުޑަ މުސްލިމް މުޖްތަމައުގައި ވަރި އާންމުވެ ކަންބޮޑުވާ ހިސާބަށް ދިޔުމަކީ ހަގީގަތުގައި ވެސް ބޮޑު މައްސަލައެކެވެ. ކޮފީ މޭޒްތަކުންނާއި ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްލުމަށް ފަހު އަޅާނުލާ ހުރެވޭ ވަރަށްވުރެ ނާޒުކް މައްސަލައެެކެވެ.

- މުހައްމަދު އަފްރާހް

ވަރިއަކީ ﷲ ސުބުހާނަހޫ ވަތައަލާ ހުއްދަ ކުރައްވާފައިވާ ކަންތައް ތަކުގެ ތެރެއިން އެންމެ ނުރުއްސަވާ އެއް ކަމަށް ވީހިނދުވެސް، އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ ދިވެހި މުޖްތަމައުގައި، މިދިޔަ އަހަރު އެކަނިވެސް ވަނީ 3417 ވަރި ރެކޯޑް ކުރެވިފަ އެެވެ. އެއީ ދުވާލެއްގެ މައްޗަށް 10 ވަރިއެވެ. މި އަހަރުގެ މިހާތަނަށް އައި އިރު ވަރީގެ އަދަދު އުޅެނީ 1476ގަ އެވެ. އެއީ ދުވާލަކަށް ހަތް ވަރިއެވެ.

ކައިވެނި ރޫޅުން ދެމަފިރިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައި

ކައިވެނި ރޫޅެން ދިމާވާ އެންމެ ބޮޑު އެއް މައްސަަލައެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ، ދެމަފިރިންގެ ދިރިއުޅުމުގެ ވައްޓަފާޅި އެވެ. ދެމަފިރިން މާދުރުގައި ނުވަތަ ދެ ތަނުގައި ދުވާލުދާ ހަތަރުދަމު ވަޒީފާގައި އުޅޭއިރު އެއްކޮށް ހޭދަ ކުރާނެ ވަގުތެއް ނުލިބެ އެވެ. އަނބިމީހާ އޮފީސް މަސައްކަތުގައި އަވަދިނެތި ގޮސް ފިރިމީހާގެ ވާޖިބުތައް ހަނދާން ނެތޭ އިރު، ހަމަ އެހާ އަވަދިނެތި އުޅޭ ފިރިމީހާއަށް އޭނާގެ ދިރިއުޅުމުގައި އަނބިމީހާއަށް ދޭން ޖެހޭ ހަގީގީ އަހައްމިއްޔަތުކަން އޮންނަނީ ހަނދާން ނެތިފަ އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވާސިީޓީގެ ސީނިއާ ލެކްޗަރާ އަދި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. އަބްދުﷲ ޖަމީލް ވިދާޅުވީ، ދެމަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭން ޖެހޭ ހައްގުތައް އަދާކޮށްދިނުމަކީ ކައިވެނި ކާމިޔާބު ވުމުގެ އެއް ހިކުމަތް ކަމަށެވެ. ދެމަފިރިން ވަކިވާން ޖެހޭ މައިގަނޑު އެއް ސަބަބަކީ ވެސް އެ ހައްގުތައް އަދާކޮށް ނުދެވުންކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖޭގައި ކުރެވިފައިވާ ދިރާސާއަކަށް އިޝާރާތް ކުރައްވައި ޑރ. އަބްދުﷲ ޖަމީލް ވިދާޅުވީ، ރާއްޖޭގައި ކުރެވޭ ވަރީގެ ބޮޑު އިންސައްތައެއް ގުޅިފައިވަނީ، ކައިވެނީގެ ބޭރުން ގުޅުންތަކެއް ބޭއްވުމުގެ ސަބަބުން މެދުވެރިވާ މައްސަލަތަކުގެ ސަބަބުންކަން ހާމަވެފައިވާ ކަމަށެވެ. އެގޮތައް އެކަން ދިމާވަނީ ދެމަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭން ޖެހޭ ހައްގުތައް ފުރިހަމައަށް އަދާކޮށްނުދެވޭތީ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ކައިވެންޏާ މެދު އޮންނަން ޖެހޭ ހޭލުންތެރިކަން ކުޑަ

މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ގިނައިން ވަރިވެފައިވަނީ ޒުވާން އުމުރުފުރައިގެ މީހުންނެވެ. އޭގެ ތެރޭގައި އުމުރުން 26 އަހަރާ 39 އަހަރާ ދެމެދުގެ މީހުން ހިމެނެ އެވެ. މިއީ އަނެއްކާ ވެސް އިތުރު ކަންބޮޑުވުމެކެވެ. ވަރިވާ މީހުންގެ އިންސައްތައިގެ ބޮޑުބައި ޒުވާނުން ހިއްސާ ކުރުމަކީ އިތުރު ޖީލެއް ހަލާކުވެގެން ދިޔުމުގެ ފުރުޞަތު އޮތް ކަމެކެވެ. ޒުވާނުންގެ މެދުގައި ވަރި މިހާ އަންމު ވުމުގެ އެއް މައްސަލައަކީ ކައިވެނީގެ ގުޅުމާއި ވަރީގެ ގެއްލުމާ މެދު ހޭލުންތެރިވެފައި ނެތުންކަން ފާހަގަކުރެވެ އެވެ.

ޑރ. އަބްދުﷲ ޖަމީލް ވިދާޅުވީ، ކައިވެންޏަކީ ކިހާ މުގައްދަސް ގުޅުމެއްކަން އަދި އެއީ ކިހާ ވަރެއްގެ ކަމެއްކަން ގިނަ ޒުވާނުންނަށް ރަނގަޅަށް ވިސްނިފައި ނުވާކަމަށެވެ. އަދި އެންމެ މުހިއްމު އެއްކަމަކީ ކައިވެންޏަކީ "ކުޅޭ ކުޅިވަރެއް" ނޫންކަން ދެކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައިވެންޏަކީ ބައެއް ޒުވާނުންނަށް ކުޅޭ ކުޅިވަރެއް. އެއީ ބޮޑު މައްސަލައެއް. ހަގީގަތުގައި ކައިވެންޏަކީ ވަރަށް މާތް ގުޅުމެއް. ކައިވެނީގެ ހަގީގީ މަގްސަދާ މެދު އެބަ ޖެހޭ ހޭލުންތެރިވާން،" ޑރ އަބްދުﷲ ޖަމީލް ވިދާޅުވި އެވެ.

ވަރި އިތުރުވުމަކީ ނުބައި އެތައް ވަބާއެއްގެ ތެރެއަށް މުޖްތަމައު ވައްޓާލާ ކަމެއް!

ޑރ. އަބްދުﷲ ޖަމީލް ފާހަގަކުރެއްވިގޮތުގައި ކައިވެނީގެ ގުޅުން ކެނޑި ކައިވެނި ރޫޅޭ ހިސާބުން ދެމަފިރިންނަށް ވެސް ނިކަމެތިކަމާ ކުރިމަތިލާން ޖެހެ އެވެ. ޚާއްސަކޮށް، ބައެއް ހާލަތްތަކުގައި އަންހެނުންނަށް ކުރިމަތިލާން ޖެހޭ ނިކަމެތިކަން ވަރަށް ވެސް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

ކައިވެނީގެ މާތް ގުޅުމުން ދެމީހުން ބަނދެވޭ ހިނދު، އަންހެން މީހާގެ މުޅި ދިރިއުޅުން އޭނާގެ ފިރިމީހާއަށް ބަރޯސާވެ އެވެ. އެގޮތުގައި ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު އެ ގުޅުން ކެނޑޭ ހިސާބުން އަންހެން މީހާއަށް ކުއްލިއަކަށް ދިރިއުޅުމަށް ޓަކައި ފައިސާ ހޯދަން ޖެހި، ނުބައި މަގަކުން ދިޔުމުގެ ފުރުޞަތު ބޮޑުކަމަށް ޑރ. އަބްދުﷲ ޖަމީލް ވިދާޅުވި އެވެ. ބައެއް ފަހަރު އެގޮތަށް ދިމާވާ އަންހެނުން މަދުން ނަމަވެސް ފާސިދު އަމަލުތަކަށް އަރައިގަތުމަކީ ހިނގާ ކަމެއްކަމަށް ޑރ. އަބްދުﷲ ޖަމީލް ފާހަގަކުރެއްވި އެވެ.

ކައިވެނި ރޫޅުމުން ވަރިވި ދެމީހުންނާ ހަމައިން އެކަންތައް އަދި ނިމުނީކީ ނޫނެވެ. އެ ދެމީހުންގެ އަމިއްލަ ދަރީން ތިބިނަމަ، ކެނޑުނު ގުޅުމުގެ ސަބަބުން އެންމެ ބޮޑު މައްސަލައެއް ދިމާވާ އެއްބަޔަކީ ދެމީހުންގެ ދަރިންނެވެ. ކައިވެނީގެ ގުޅުން ކެނޑޭ ހިސާބުން ދަރީންނަށް ދޭން ޖެހޭ ތަރުބިއްޔަތު ރަނގަޅަށް ނުދެވި އެ ކުދިން މުޖްތަމައަށް ނުރައްކަލަކަށް ވެގެންދާ ހިސާބު ވެސް އަންނަލެއް މަދެއް ނޫނެވެ. އަދި އެއީ ނުރައްކާތެރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް ދިމާވެދާނެ ކަމަށް ޑރ. ޖަމީލް ފާހަގަކުރެއްވި އެވެ.

އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތަށް މައިންބަފައިން ދައްކާ މީހަކާ ކައިވެނި ކުރުމަކީ ހައްލެއް!

ބައެއް މުސްލިމް ގައުމުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ކައިވެންޏަކާ ހިސާބަށް ދިޔުމާއި، "އެރޭންޖްޑް މެރިޖް" ނުވަތަ ތިމާގެ މައިންބަފައިންނާއި އާއިލާއިން ހަމަޖައްސާ ގޮތެއްގެ މަތީން ކުރެވޭ ކައިވެންޏެއްގެ އުމުރު ހާސްބައިތަފާތެވެ. އެގޮތުން އިސްލާމީ އުސޫލުގެ ތެރެއިން މައިންބަފައިން ދައްކާ ރަނގަޅު ހެޔޮލަފާ ކުއްޖަކާ ކައިވެނި ކުރުމަކީ ވަރި މަދުވާ ސަބަބެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ފެމެލީ ކޯޓު

ޑރ. އަބްދުﷲ ޖަމީލް ވިދާޅުވީ، އިސްލާމީ އުސޫލުގެ ތެރެއިން ކައިވެނި ކުރުމަކީ އެކަމުގެ ސަބަބުން ވަރި މަދުވެ ކައިވެނީގެ ހަގީގީ މަގްސަދު ހާސިލް ވުމަށް އޮތް ހަމަ އެކަނި މަގު ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ކުރާ ކައިވެނި ކާމިޔާބުވާ ސަބަބަކީ ދެމީހުން އިނދެގެން ވެސް ކުރާނެ އައު ކަންތައްތަކެއް ހުރުމާއި ދެމަފިރިން އެކަކު އަނެކަކަށް ދޭން ޖެހޭ އިހްތިރާމް އެފަދަ ކައިވެންޏަކުން ލިބޭތީ ކަމަށެވެ. އަދި އަހްލާގީ ގޮތުން ވެސް ރަނގަޅު ހެޔޮލަފާ މީހަކާ އިނދެވިއްޖެ ނަމަ، އެފަދަ ކައިވެންޏަކުން، ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާ ކުރުމަށް މަގުފަހިވެގެންދާ ކަމަށެވެ.