ކޮލަންބޯ (ޖުލައި 24) : ސްރީލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް އިންތިޚާބުގައި ވޯޓަށް ނުފޫޒު ފޯރުވުމުގެ ޢަމަލުތަކެއް ފުޅާދާއިރާއެއްގައި ސަރުކާރުން ހިންގާފައިވާ ކަމަށް އޮބްޒާރވަރުން ބުނެފިއެވެ.

ސްރީލަންކާގެ އުތުރާއި އިރުއުތުރުގެ 20 ސަރަޙައްދެއްގައި ބޭއްވި ލޯކަލް އިންތިޚާބުގައި ޢާންމުންގެ ވޯޓު ގަތުމަށްޓަކައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ފަގީރުންނަށް ފައިސާއާއި ކާބޯތަކެތި ބަހައި އެމީހުންގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ޤާނޫނާ ޚިލާފް ޢަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމަށް އިންތިޚާބުގެ ކަންތައް އޮބްޒާވްކުރި ދެޖަމާއަތަކުން ބުނެއެވެ.

މީގެއިތުރުން ވެރިކަންކުރާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ޢަސްކަރީ ޔުނީފޯމްގައި ނުކުމެ އިދިކޮޅު މީހުންނަށް ބިރުދައްކައި ވޯޓުކަރުދާސްކޮޅު ޖަހައިގަތުންފަދަ ޤާނޫނާ ޚިލާފު އަމަލުތައް ހިންގާފައިވާ ކަމަށްވެސް އޮބްޒާރވަރުންގެ ތަރްޖަމާން ރޮހޯނާ ހިތައިރަޗީ ވިދާޅުވެފައިވެއެވެ. ނަމަވެސް ވެރިކަންކުރާ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސުންވަނީ މިތުހުމަތު ތަކަށް އިންކާރުކޮށްފައެވެ.

ސްރީލަންކާގެ އުތުރާއި އިރުއުތުރުގެ 20 ސަރަޙައްދެއްގައި ލޯކަލް އިންތިޚާބު މިބޭއްވީ އަހްލީ ހަނގުރާމައާ ގުޅިގެން އިންތިޚާބު ނުބާއްވާތާ 20 އަހަރަށްފަހުގައި ކަމަށް އެޤައުމުގެ މީޑިޔާ ބުނެއެވެ. މިއިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިޢްލާންކުރާނެކަމަށް އިންތިޚާބާބެހޭ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. -- ރޮއިޓާސް