24 Aug 2017, 00:46
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގދ. ތިނަދޫ ފުޓްބޯޅަ ޓީމުން ޗެމްޕިއަން މާޒިޔާ މޮޅުވިޔަނުދީ އިން ހިފަހައްޓައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ތިނަދޫއާ މާޒިޔާ ބައްދަލުކުރި މެޗް ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންވެސް ވަނީ ރަނގަޅަށް ކުޅެފައެވެ. އަދި ތިނަދޫގެ ފަރާތުން މުޅި މެޗުގައިވެސް މާޒިޔާ ހިފެހެއްޓުމަށް ބުރަކޮށް މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. ވިއްސާރައިގެ ސަބަބުން ދަނޑު ތެމިފައި އޮތުމުން ދެޓީމުގެ ފަރާތުން މާ އެދެވޭ ގޭމެއް ކުޅެވޭ ގޮތްވަނީ ނުވެފައެވެ.
މިރޭގެ މެޗުގައި ފުރަތަމަ ހާފު ނިމިގެން ދިޔައިރުވެސް ލަނޑެއް ފެނިފައެއްނުވެއެވެ. އަދި ދެވަނަ ހާފުގެ ފަހު ވަގުތުގައި ތިނަދޫއިން ވަނީ ލަނޑެއް ޖަހައި ކުރި ހޯދައިފައެވެ. އެ ލަނޑު މެޗުގެ 83 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ތިނަދޫގެ އަހްމަދު ނިޔާޒެވެ.
ތިނަދޫ ކުރީގައި އޮވެ މެޗު ނިމެން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދީ އެޓީމް ސަލާމަތްކޮށްދިނީ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) އެވެ. އޭނާ މިރޭގެ މެޗުގައި ކުޅެން ނިކުމެފައިވަނީ އަސްއަދު އަލީ (އަޑުބަރޭ)ގެ ބަދަލުގައި ދެވަނަ ހާފުގައެވެ.
ތިނަދޫ އަތުން އެއްވަރުވި ނަމަވެސް، މާޒިޔާ އޮތީ ލީގު ތާވަލުގެއެއްވަނައިގައެވެ. ދެވަނައިގައި އޮތީ ޓީސީއެވެ. ކުޅުނު ހަތް މެޗުން ޓީސީއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް މާޒިޔާއަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ޓީސީގެ ފަހަތުން ވިއްދާފައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ގްރީން ސްޓްރީޓަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.