ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މާދަމާ ކަމަށާއި އެ ޖަލްސާއަށްފަހު މި ދައުރުގެ ޖަލްސާތައް ނިންމަވާލައްވާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ދެއްވައިފި އެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. ގަވާއިދު ބުނާ ގޮތުން ތިން ދައުރުގައި ވެސް ހަފްތާގެ ތިން ދުވަހު ޖަލްސާ ބާއްވަން ޖެހެ އެވެ. މިހާރު މި ކުރިއަށް ދަނީ ދެވަނަ ދައުރެވެ. ގަވާއިދުގައި ބުނެފައި ވަނީ ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ.

އެ އުސޫލުން ބަލާނަމަ މި ދައުރު 39 ޖަލްސާ ބާއްވަން ޖެހެ އެވެެ. ނަމަވެސް މަޖިލީހުގައި މި ދައުރު ބާއްވާފައި ވަނީ އެންމެ ނުވަ ޖަލްސާ އެވެ. މާދަމާއަށް ޖަލްސާއެއް އެޖެންޑާކޮށްފައިވާއިރު އެ ޖަލްސާ ލައިގެން ވެސް ވާނީ 10 ޖަލްސާއެވެ.

"އިރާދަކުރެއްވިއްޔާ މާދަމާގެ ޖަލްސާ ނިމިގެންދާނީ އަޅުގަނޑުމެން ތިބޭފުޅުންނާ މަޖިލީހުން ބައްދަލުކުރާނެ ވަގުތުތަކެއް ނުލިބި ހިނގައިދާނެ. މަޖިލީހުގެ ޖަލްސާއެއް ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ ތެރޭގަ އެއް ނޯންނާނެ،" ނިހާން ވިދާޅުވިއެވެ.

މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ އެމްއެމްއޭގެ ގަވަރުނަރަކަށް ހަމަޖެއްސެވުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވާފައިވާ އަހުމަދު ނަސީރަށް ރުހުން ދިނުމުގެ މައްސަލަ އެކަންޏެވެ.

މި ދައުރުގައި މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ގިނަ ދުވަސްތަކެއް ހޭދަވެގެން ދިޔައީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގެ ސަބަބުންނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވޭނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ފަހުގައި ކަމަށާއި މަސީހުގެ ރިޔާސަތުގައި ބާއްވާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫން ކަމަށެވެ. އެ ސަބަބާ ހުރެ މުޅި މަޖިލިސް ވަނީ ހޫނުވެފައެވެ.